ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތައް ލޮކްޑައުން ކުރިތާ ކުރީކޮޅު އަމިއްލަ ގޭގައި ހިނގައިގެން 41 މިލިއަން ޑޮލަރު ޖަމާކޮށް، ސިއްހީ ދާއިރާއަށް ހަދިޔާކުރި ކެޕްޓަން ޓޮމް މޫއާއަށް ކޮވިޑް ޖެހި، ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
2 ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި އަސްކަރިއްޔާއަށް ހިދުމަތް ކުރި ކެޕްޓަން ޓޮމްއަށް ބައިނަލްއަގުވާމީ ސަމާލުކަން އަމާޒުވީ އޭނާގެ 100 ވަނަ އުފަން ދުވަހުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އެއީ ހިނގަން ބޭނުން ކުރާ ފްރޭމްގެ އެހީގައި، އޭނާގެ ބަގީޗާ ތެރޭގައި އެކި ކޮޅުކޮޅަށް ހިނގައިގެން، ސިއްހީ ދާއިރާއަށް އެހީވުމަށް ފަންޑު ހޯދުމަށް ހިންގި ހަރަކާތާއެކުގައެވެ.
ކެޕްޓަން ޓޮމް މަސައްކަތް ފެށީ 1370 ޑޮލަރު (1000 ޕައުންޑް) ގެ ފަންޑެއްގެ އުއްމީދުގައެވެ. ނަމަވެސް އެ ކެމްޕޭނަށް 41 މިލިއަން ޑޮލަރު (30 މިލިއަން ޕައުންޑް)، ދުނިޔޭގެ އެކި ހިސާބުތަކުން ޖަމާކޮށްދިނެވެ. މި ކެމްޕޭނަށް ދުނިޔޭގެ ރެކޯޑް ފޮތުން 2 ޖާގަ ކަށަވަރުވިއެވެ. އިނގިރޭސި ރާނީ ދެއްވާ އެންމެ މަތީ އިއްޒަތް ކެޕްޓަން ޓޮމްއަށް ލިބުނެވެ. އޮޓޯބައޮގްރަފީއެއް ޝާއިއު ކުރުމުގެ ނަސީބު ލިބުނެވެ. އަދި ހިލޭ އެހީދޭ ޖަމިއްޔާއެއްވެސް އުފެއްދުނެވެ.
ކެޕްޓަން ޓޮމްއަށް ކޮވިޑް ޖެހި، ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަން ހާމަ ކުރީ އޭނާގެ ދަރިފުޅު ހޭނާ އިންގްރާމް-މޫއާއެވެ. ހޭނާ ބުނީ ފާއިތުވީ ހަފުތާތަކުގައި އޭނާގެ ބައްޕަ ދިޔައީ ނިއުމޯނިއާއަށް ފަރުވާ ހޯދަމުން ކަމަށާ، ނަމަވެސް މިހާރު ކޮވިޑަށްވެސް ޕޮޒިޓިވްވެފައި ވާ ކަމަށެވެ. އާދީއްތަ ދުވަހާ ޖެހެންދެން ބައްޕަ ފަރުވާ ހޯދަމުން ދިޔައީ ގޭގައި ކަމަށާ، ނަމަވެސް ނޭވާލާން އުނދަގޫ ވާތީ ހޮސްޕިޓަލަށް ބަދަލު ކުރީ ކަމަށާ، ބައްޕައަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ނޫން ކަމަށްވެސް ހޭނާ ވަނީ އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް، ކެޕްޓަން ޓޮމްގެ ފޭނުންނަށް އަންގާފައެވެ.
ކެޕްޓަން ޓޮމްއަށް ކޮވިޑް ޖެހުނުކަން އާންމުވުމާއެކު، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ވަނީ އާއިލާއަށް ހަމްދަރުދީ ފޮނުއްވާ، ޓޮމްއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. އިދިކޮޅު ލީޑަރު ކެއީރު ސްޓާމާވެސް ވަނީ މުޅި ގައުމު މިއަދު އެދެނީ ކެޕްޓަން ޓޮމްއަށް އަވަސް ޝިފާއެއް ލިބުމަށް ކަމަށް ވިދާޅުވެފައެވެ.