ސިޔާސީ މަސްރަހު އިންތިހާއަށް ނުތަނަވަސް ވެފައިވާ މިޔަންމާގެ ލީޑަރު އާންގް ސަން ސޫޗީއާއި، ވެރިކަން ކުރާ ޕާޓީގެ އިސް އޮފިޝަލުންތަކެއް އެ ގައުމުގެ އަސްކަރިއްޔާއިން ހައްޔަރު ކޮށްފިއެވެ.
ސޫޗީއާއި ވެރިކަން ކުރާ ޕާޓީގެ ބައެއް އޮފިޝަލުން ހައްޔަރު ކޮށްފައި ވަނީ ރޭ ފަތިހު އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ރެއިޑުތަކެއްގައި ކަމަށް ނޭޝަނަލް ލީގު ފޮ ޑިމޮކްރަސީ (އެންއެލްޑީ)ގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ.
މިކަމެއް ހިންގާފައި މިވަނީ، މިޔަންމާގެ އަސްކަރިއްޔާއާއި ސޫޗީގެ މަދަނީ ސަރުކާރާ ދެމެދު ދެބަސްވުންތަކެއް ދިގުލާ ގޮސް، ބަޣާވާތެއްގެ ހުލާސާވެސް އެޅިފައިވަނިކޮށެވެ.
ވެރިކަން ކުރާ ނޭޝަނަލް ލީގު ފޯ ޑިމޮކްރަސީގެ ތަރުޖަމާނު މިޔޯ ނަންޓް، ރޮއިޓާޒްއަށް ވިދާޅުވީ، އަސްކަރިއްޔާއިން ސޫޗީއާއި ޕާޓީގެ ރައީސް ވިން މިޔީންޓް "ގެންދިޔައީ" ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އަވަސް އަރުވާލައިގެން މިކަމަށް އިޖާބަ ނުދިނުމަށާއި، ގާނޫނީ އިމުގެ ތެރެއިން މިކަމަށް އިޖާބަ ދިނުމަށް ސަޕޯޓަރުންނަށް ގޮވާލައްވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދި ކަން ހިނގަމުންދާ ގޮތަށް ބަލާއިރު، އަސްކަރިއްޔާއިން ދަނީ ބަޣާވާތެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުން ކަމަށްވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
މިޔަންމާގެ ގާނޫނު ހަދާ މަޖިލީހުގެ 4 ބައިކުޅަ 1 ބައި ގޮނޑިއަކީ އަސްކަރިއްޔާއަށް ދީފައިވާ ގޮނޑިއަށް ވެފައި، ޔޫނިއަން ސޮލިޑާރިޓީ އެންޑް ޑިވަލޮޕްމަންޓް ޕާޓީ (ޔޫއެސްޑީޕީ)ގެ ނަމުގައި އަސްކަރިއްޔާގެ ޕްރޮކްސީ ޕާޓީއަކުން މަޖިލީހުގައި ހަރަކާތްތެރިވާއިރު، މިއަދުން ފަށައިގެން ގައުމުގެ ވެރިކަން ހިންގާނީ އަސްކަރިއްޔާއިން ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.
ބައިނަލްއަގުވާމީ ހަބަރު ފެތުރުމުގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ފަރާތުން މިޔަންމާގައި ހަރަކާތްތެރިވާ ނޫސްވެރިޔާ އަލީ ފައުލީ ރިޕޯޓް ކޮށްފައިވާ ގޮތުގައި، މޯބައިލްއާއި ފޯނު ލައިންގެ ހިދުމަތްތަކަށްވެސް ބުރޫ އަރަމުންދާއިރު، މިޔަންމާގެ ދައުލަތުގެ މީޑިއާގެ ހިދުމަތްވެސް ވަނީ ކަނޑާލާފައެވެ.
އިންތިހާބާއާއެކު ބަގާވާތަށް
ނޮވެމްބަރު 2020 ގެ އިންތިހާބުގައި އެންއެލްޑީއިން ހޯދީ ބޮޑު ކާމިޔާބެކެވެ. ނަމަވެސް، އިންތިހާބުގެ ނަތީޖާ ސައްހަ ނޫން ކަމަށް އަސްކަރިއްޔާއިން ދިޔައީ ވަރުގަދަ ކެމްޕޭނެއް ޖައްސަމުންނެވެ. ނަމަވެސް، މިކަމަށް ބާރު ދެނިވި އެއްވެސް ހެއްކެއް އަސްކަރިއްޔާއަށް ދެއްކިފައެއް ނުވެއެވެ.
ހުސްވި ހަފުތާގައި މިޔަންމާގެ ސިޔާސީ މަސްރަހު އިންތިހާއަށް ނުތަނަވަސްވީ، ގާނޫނު އަސާސީ އުވާލާނެ ކަމުގެ އިންޒާރު، މިޔަންމާގެ އަސްކަރީ ލީޑަރު މިން އާންގް ހަލައިންގް ދިން ކަމުގެ ހަބަރާއެކުގައެވެ. އޭގެ 2 ދުވަހެއް ވަރު ފަހުން، އަސްކަރިއްޔާއިން ވަނީ، މިން އާންގް ހަލައިންގް ދެއްކި ވާހަކަ، މީޑިއާއިން ނުބައިކޮށް މާނަ ކުރި ކަމުގެ އިލްޒާމު ފެންމަތިކޮށްފައެވެ.
މިޔަންމާގެ އަދުގެ އާންމު މަސްރަހަށް ބަލާއިރު އާންމުން ދަނީ އެންއެލްޑީގެ ދިދައާއި ބެނާތައް، އެކި ހިސާބުތަކުގައި އާންމުކޮށް ފެންނާނެހެން ބަހައްޓަމުންނެވެ. ސޫޗީގެ ސަރުކާރަށް އެއްބާރުލުން އެބައޮތް ކަން ހާމަ ކުރަމުންނެވެ.
އެއް ޒަމާނެއްގައި އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮތް މިޔަންމާގައި އަސްކަރީ ވެރިކަމެއް ކުރަމުން އަންނަތާ އެތައް އަހަރަކަށް ފަހު ޑިމޮކްރަޓިކް ވެރިކަމަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަން ފެށީ 2008 ވަނަ އަހަރުއެވެ.
އާންގް ސަން ސޫޗީއަކީ، މިޔަންމާގެ ގައުމީ މިނިވަން ކަމުގެ ބަތޮލުގެ ގޮތުގައި ސިފަކުރަމުން އާންގް ސަންގެ ހަމައެކަނި އަންހެން ދަރިފުޅެވެ. މިޔަންމާގެ އަސްކަރީ ވެރިކަމުގައި ސޫޗީ ވަނީ އެތައް އަހަރެއް ގޭބަންދުގައި އިންނަވާފައެވެ.
ނަމަވެސް، ސޫޗީގެ ވެރިކަމުގައިވެސް ފުރިހަމަ ޑިމޮކްރަސީއެއް ތަންފީޒު ވެފައި ނުވާކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން، މިޔަންމާގެ ރާކީން ސްޓޭޓްގައި ދިރިއުޅެމުން އަންނަ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާއިން ހިންގާ ގަތުލު އާންމު ހުއްޓުވުމަށް، މިޔަންމާގެ "ޑިމޮކްރަޓިކް" ސަރުކާރަށް ކުރެވުނު ކަމެއް ނެތް ކަން ފާހަގަ ކުރަންޖެހެއެވެ.