އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީއާއި ލީޑްސް ޔުނައިޓެޑް ވާދަކުރި މެޗު ލީޑްސް ކާމިޔާބުކޮށްފިއެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗު ލީޑްސް ކާމިޔާބުކޮށްފައިވަނީ 1-3 ގެ ސްކޯލައިނަކުންނެވެ.
އެހެން ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖެހީ ލެސްޓާ ސިޓީއިންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހާވީ ބާންސްއެވެ.
ލެސްޓާއިން ލަނޑު ޖެހިތާ މާގިނަ އިރު ތަކެއް ނުވެ ލީޑްސްއިން ލަނޑެއް ޖަހާ ސްކޯ އެއްވަރުކުރިއެވެ. މެޗުގެ 15 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސުޓާޓް ޑެލާސްއެވެ.
މެޗުގައި ލީޑްސްއިން ލީޑު ނެގީ 70 ވަނަ މިނެޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕެޓްރިކް ބެމްފޯޑެވެ.
ސްކޯ ހަމަހަމަ ކުރަން ލެސްޓާ ކުޅެމުންދަނިކޮށް ލީޑްސްއިން އުފެއްދި ކައުންޓާ އެޓޭކެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން 1-3 އަކަށް ސްކޯ ހެދީ ހެރިސަންއެވެ. ބޭމްފޯޑްގެ މޮޅު ހުރަހަކުން އޭނާ މިލަނޑު ކާމިޔާބު ކުރީ މެޗުގެ 84 ވަނަ މިނެޓްގައެވެ.
މިމެޗުން ދަށްވުމުން ލެސްޓާ ސިޓީ މިވަނީ ލީގު ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ. ސީޒަންގައި މިހާތަނަށް އެޓީމުން 21 މެޗު ކުޅުނު އިރު ލެސްޓާއަށް ލިބިފައިވަނީ 39 ޕޮއިންޓެވެ.
މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީޑްސް ވަނީ ތާވަލުގެ 12 ވަނަ އަށް ޖެހިލާފައެވެ. އެއީ ކުޅުނު 20 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ.