އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ވެސްޓްހޭމްއާއި ލިވަޕޫލް ވާދަކުރި މެޗު 3-1 އަކުން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.

މިއީ 2021 ވަނަ އަހަރު ލީގުގައި ލިވަޕޫލުން ޖައްސަ ޖައްސައިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް މާމޮޅު ކުޅުމެއް ފެނިފައި ނުވި ނަމަވެސް ލަނޑުޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބުނެވެ.

ދެވަނަ ހާފްގައި ދެޓީމުން ކުޅުން ރަނގަޅުކުރި އިރު ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. މެޗުގެ 57 ވަނަ މިނެޓްގައި އެޓީމުގެ މުހައްމަދު ސަލާހް ޖަހާދިން ހިތްގައިމު ލަނޑާއެކު ލިވަޕޫލަށް 1-0 ގެ ލީޑެއް ލިބުނެވެ.

މެޗުގައި ދެން ވެސް ލަނޑު ޖެހީ ލިވަޕޫލުންނެވެ. މެޗުގައި ސަލާހް ޖެހި ދެވަނަ ލަނޑަކީ ޓީމުގެ ރީތި ކުޅުން ފެނިގެން ދިޔަ ލަނޑެކެވެ.

މެޗުގެ 84 ވަނަ މިނެޓްގައި ލިވަޕޫލްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވަނައިލްޑަމްގެ ލަނޑާއެކު ލިވަޕޫލަށް ތިން ގޯލުގެ ލީޑެއް ލިބުނު ނަމަވެސް މެޗުގެ 87 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ވެސްޓްހޭމުން ވަނީ ލަނޑެއް ޖަހާ ސްކޯ 3-1 އަކަށް ހަދާފައެވެ. މެޗު ނިމުނީ ސްކޯ މިހެން އޮއްވައެވެ.

މިއަހަރު ފުރަތަމަ ކުޅުނު ދެތިން މެޗުން ލިވަޕޫލް މޮޅުނުވެ ދިއުމުން މިފަހަރުގެ އެޓީމުން ތައްޓަށް ވާދަނުކުރާނެ ކަމަށް ގިނަ ފަރާތްތަކުން ބުނި ނަމަވެސް އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވެ ލިވަޕޫލް މިވަނީ ލީގު ތާވަލުގެ ތިން ވަނައަށް ޖެހިލާފައެވެ. އެއީ ކުޅުނު 21 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. މިވަގުތު އެއްވަނައިގައި އޮތް ސިޓީއާއި ލިވަޕޫލާ މިހާރު އޮތީ ހަތަރު ޕޮއިންޓްގެ ތަފާތެވެ.

މިރޭގެ މެޗުން ދަށްވި ނަމަވެސް ވެސްޓްހޭމް އަދި އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އެއީ ކުޅުނު 21 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ.