މ. ކޮޅުފުށީ ކްލަސްޓާއާ ގުޅިގެން އިތުރު 15 ކޭސް ފެނިފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، މި މަހުގެ 29 ވަނަ ދުވަހު ކޮޅުފުށި ކްލސްޓާއާ ގުޅިގެން އިތުރު 15 ކޭސް ފެނިފައިވާ ކަމަށެވެ. އަދި މިހާރު ޖުމްލަ ކޭސްތަކުގެ އަދަދު 25 އަށް އަރާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮޅުފުއްޓަކީ މިހާރު މޮނިޓަރިންއަށް ލާފައިވާ ރަށްރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެ ރަށް މޮނިޓަރިންގެ ހާލަަތަށް ބަދަލުކޮށްފައި ވަނީ އެރަށުން މާލެއަށް އައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އެ މީހާ މާލެ އައުމުގެ ކުރިން ކޮޅުފުށީގައި މަޑުކޮށްފައި ވަނީ ފުރަބަންދު ގައެވެ. ނަމަވެސް ފުރަބަންދުގެ މުއްދަތު ހަމަ ކުރުމަށް ފަހު ހެދި ޓެސްޓުން އޭނާއަށް ވަނީ ނެގެޓިވް ނަތީޖާއެއް ލިބިފައެވެ. އަދި އޭނާ މާލެއަށް އައި ފަހުން ރަށުގައި ދުވަސްކޮޅަކު އުޅުނު ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

މާލެއިން އޭނާ ޓެސްޓު ހެދީ ބަލީގެ އަލާމާތް ހުރުމުންނެވެ. މި މަހުގެ 21 ވަނަ ދުވަހު އޭނާގެ ނަތީޖާ ޕޮޒިޓިވް ކަމަށް ލިބުމުން ކޮޅުފުށި މޮނިޓަރިންގެ ހާލަަތށް ބަދަލުކޮށް ރެންޑަމް ސާމްޕަލް ނަގާފައި ވެއެވެ. އެ ގޮތުން މި މަހުގެ 26 ވަނަ ދުވަހު އެ ރަށުން ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން 9 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

  • ޖެނުއަރީ 21 - ކޮޅުފުށިން މާލެއަށް އައި އެކަކު ބަލީގެ އަލާމަތް ހުރެގެން ޕޮޒިޓިވްވި
  • ޖެނުއަރީ 26 - ކޮޅުފުށިން ނެގި ރެންޑަމް ސާމްޕަލް އިން 9 މީހަކު ޕޮޒިޓިވްވި
  • ޖެނުއަރީ 29 - ކޮޅުފުށިން ނެގި ރެންޑަމް ސާމްޕަލް އިން 15 މީހަކު ޕޮޒިޓިވްވި

އެހެންކަމުން ފުރަތަމަ ޕޮޒިޓިވްވި މީހާގެ އިތުރުން ފެނުނު 9 ކޭސްއަށް ފަހު 15 ކޭސް އިތުރަށް ފެނި ޕޮޒިޓިވްވި މީހުންގެ އަދަދު މި ވަނީ 25 އަށް އަރާފައެވެ.

ކޮޅުފުށީގެ އިތުރުން މިހާރު ރާއްޖޭގެ އިތުރު ތިން ރަށެއް އޮތީ މޮނިޓަރިން ހާލަތުގައެވެ. އެއީ ހއ. މުރައިދޫ އާއި އއ. މަތިވެރި އާއި، ގއ. ދެއްވަދޫއެވެ. މަތިވެރި އަދި މުރައިދޫ މޮނިޓަރިންގެ ހާލަތަށް ބަދަލު ކުރީ އިއްޔެއެވެ.