އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ބާންލީ ވާދަކުރި މެޗު 2-0 އަކުން ޗެލްސީ ކާމިޔާބުކޮށްފިއެވެ.

މިއީ ޗެލްސީގެ ކޯޗު ކަމާ ތޯމާސް ޓުކުލް ހަވާލުވި ފަހުން އެޓީމުން މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. މިދިޔަ ހަފްތާގެ މެދު ތެރޭގައި އޭނާގެ ކޯޗު ކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ވުލްވްސްއާއި ޗެލްސީ ބައްދަލުކުރި މެޗު ނިމުނީ 0-0 އަކުން އެއްވަރުވެގެންނެވެ.

މިރޭގެ މެޗުގައި ޗެލްސީން ޖެހި ދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޗެލްސީގެ ދެ ޑިފެންޑަރުންނެވެ. މި ގޮތުން، މެޗުގެ 40 ވަނަ މިނެޓްގައި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން އަސްޕިލެކުއެތާއެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޭލަމް ހަޑްސަން އޮޑާއީގެ ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މެޗުގެ 84 ވަނަ މިނެޓްގައި ޗެލްސީގެ ދެވަނަ ލަނޑު އެޓީމަށް ޖަހާ ދިނީ މާކޯސް އޮލޯންސޯއެވެ. މި ލަނޑަކީ ފޯވަޑް ކްރިސްޓިއަން ޕުލްސިކްގެ ހުރަހަކުން އޮލެންސޯ ކާމިޔާބުކުރި ލަނޑެކެވެ.

މި ސީޒަންގައި ޗެމްޕިއަން ލިވަޕޫލް އަދި އާސަނަލް ވެސް ބަލިކުރި ބާންލީއަށް މިރޭގެ މެޗުގައި މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އަދި މިރޭގެ މެޗުން ދަށްވެ އެޓީމު މިހާރު އޮތީ 20 މެޗު ކުޅެގެން 22 ޕޮއިންޓް ހޯދައިގެން ތާވަލުގެ 17 ވަނައިގައެވެ.

މިރޭގެ މެޗުން މޮޅުވުމުން ޗެލްސީ މިވަނީ ތާވަލުގެ 7 ވަނައަށް ޖެހިލާފައެވެ. އެއީ 21 މެޗު ކުޅެ 33 ޕޮއިންޓް ހޯދައިގެންނެވެ. އެހެން ނަމަވެސް އެޓީމާއި އެއްވަނައިގައި އޮތް ސިޓީއާއި ދެމެދު 10 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ.