އއ. ބޮޑުފޮޅުދޫ އާއި ރ. އުނގޫފާރުގެ ބިން ހިއްކުމުގެ މަޝްރޫއު އަދި ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު، ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މިއަދު ހަވާލު ކޮށްފިއެވެ.

މި މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާއެވެ.

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުން

މި މަޝްރޫއުގެ ދަށުން، 870 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހައި ގިރާ ސަރަހައްދު ހިމާޔަތް ކުރާނެއެވެ. މި މަޝްރޫއުގެ އަގަކީ 19.8 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫއަކީ 250 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ނެއްލައިދޫގައި ފާހަގަ ކޮށްފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަރް ކުރުމަކީ މި މަޝްރޫއުގެ މައިގަނޑު މަސައްކަތެވެ. މި މަސައްކަތް ހަވާލު ކޮށްފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

އއ. ބޮޑުފޮޅުދޫ ބިން ހިއްކުމުން

ޕްލޭނިން މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނީ 8 ހެކްޓަރު ބިން ހިއްކުމާއި، 1052 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 180 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 110 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުން ކަމަށެވެ.

މި މަޝްރޫއުގެ އަގަކީ 78.5 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫއަކީ 365 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ރ. އުނގޫފާރު ބިން ހިއްކުން

ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނީ 10 ހެކްޓަރު ބިން ހިއްކުމާއި، 1150 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 75 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުން ކަމަށެވެ.

މި މަޝްރޫއުގެ އަގަކީ 75.3 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫއަކީ 240 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.