އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ދެކޮޅަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަޒުލުކުރުމުގެ ޝަރީއަތަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، ޓްރަމްޕްގެ ދީފާއީ ޓީމުގެ އިސް މެންބަރުންތަކެއް އެ ޓީމާ ވަކިވެއްޖެއެވެ.

ކެޕިޓޮލް ބިލްޑިންގްގައި ޖެނުއަރީ 7 ވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓްރަމްޕް އަޒުލު ކުރުމަށް ސެނެޓްގައި ކުރިއަށް ގެންދާ ޝަރީއަތަށް ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް، ޓްރަމްޕްގެ ދިފާއީ ޓީމުގައި ހިމެނިވަޑައިގަންނަވާ 2 ގާނޫނީ ވަކީލަކު އެ ޓީމާއި ވަކިވެވަޑައިގެންފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ޓްރަމްޕްގެ ދިފާއީ ޓީމުން ވަކިވެވަޑައިގެންފައި ވަނީ ސައުތު ކެރޮލައިނާއަށް ނިސްބަތްވެވަޑައިގަންނަވާ 2 ވަކީލުން ކަމަށްވާ، ބުޗް ބޯވާޒްއާއި ޑެބްރާ ބާބީއެވެ. މި 2 ވަކީލުންވެސް ޓްރަމްޕްގެ ދިފާއީ ޓީމުން ވަކިވެވަޑައިގަތީ މައްސަލަ މިހާރު ކުރިއަށްދާ މިސްރާބާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައި ކަމަށާ، 2 ވަކީލުންވެސް ދިފާއީ ޓީމުން ވަކިވެވަޑައިގަތީ ސުލްހާގައި ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން، ޑެބްރާވެސް އަދި ބާބީވެސް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓޮލް ބިލްޑިންގަށް ވަދެގަތް ވަގުތު މަޖިލިސް މެމްބަރުން ހިމާޔަތަށް ފިއްލަވަނީ / ފޮޓޯ: ޓްވިޓާ

މިއާއެކު ދިފާއީ ޓީމާ އަލަށް ގުޅިވަޑައިގަންނަވާ މެންބަރުން، 1 ނުވަތަ 2 ދުވަހެއް ތެރޭ އެނގޭނެ ކަމަށް ހަބަރު ލިބެއެވެ.

ޖެނުއަރީ 7ވަނަ ދުވަހު ކެޕިޓޮލް ބިލްޑިންގްގައި ހިންގި ޖަރީމާތަކަށް ހިތްވަރު ދެއްވީ ޓްރަމްޕް ކަމަށް ތުހުމަތު ކުރައްވާ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ޓްރަމްޕް އަޒުލުކުރީ، ވެރިކަމުގެ ދައުރު ހަމަވާން ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށެވެ. މައްސަލަ ސެނެޓަށް ވައްދާފައި ވާއިރު، މި ޝަރީއަތް ސެނެޓްގައި ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި ވަނީ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހަށެވެ.

މި ޝަރީއަތުގައި ޓްރަމްޕްގެ ދިފާއީ ބަޔާން ކުރުވެފައި، ސަރީހަ ވާނޭ ކަމަށް ހަބަރު ލިބެއެވެ. އެގޮތުން، ޓްރަމްޕަކީ މިހާރު އެމެރިކާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެއް ނޫން ކަމުން، މި ޝަރީއަތަކީ ޣައިރު ގާނޫނީ ޝަރީއަތެއް ކަމަށް ވިދާޅުވުން ފިޔަވާ އިތުރު އެއްޗެއް ބަޔާން ނުކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ސެނެޓްގެ ޝަރީއަތް ނިންމާ ގޮތަކުން، ދެން ދުވަހަކުވެސް އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ޓްރަމްޕަށް ކުރިމަތިނުލެއްވޭ ގޮތް ވެދާނެއެވެ.