އަދާލަތު ޕާޓީގެ ރައީސަކަށް އަނެއްކާވެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހޮވިއްޖެއެވެ.

އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ 3 ވަނަ ދައުރުގެ ރައީސެއްގެ ގޮތުގައި އިމްރާން އަބްދުﷲ އަދި ނައިބު ރައީސެއްގެ ގޮތުގައި އަހްމަދު ޝަރީފް ކާމިޔާބު ކޮށްފި ކަމަށް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ކަމަށެވެ.

ރައީސް ކަމަށް ކުރިމަތިލެއްވީ ވަނީ ހޯމް މިނިސްޓަރު އިމްރާނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީވެ. އިމްރާންގެ ރަނިން މޭޓުގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރެއްވީ އަހްމަދު ޝަރީފެވެ. އަދި ޑރ. ޒާހިރުގެ ރަނިން މޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަ ކުރައްވާފައި ވަނީ އަހްމަދު ނަޝީދެވެ.

މި އިންތިހާބުގައި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރަށް ލިބިވަޑައިގެންފައި ވަނީ 167 ވޯޓެވެ. އިމްރާނަށް 921 ވޯޓު ލިބިވަދައިގެންފައި ވެއެވެ.

އެ ޕާޓީގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 6866 މީހުން ތިބިއިރު ވޯޓު ލުމަށް ރަޖިސްޓްރީ ވެފައި ވަނީ 4556 މީހުންނެވެ. އޭގެ ތެރެއިން ވޯޓު ލާފައި ވަނީ 1088 މީހުންނެވެ.

އެ ޕާޓީގެ ރިޔާސީ އިންތިހާބުގެ ގަވައިދުގެ 12 ވަނަ މާއްދާގައި ވާގޮތުގެ މަތިން 5 ދުވަހުގެ ތެރޭގައި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ޖެހޭނެއެވެ.