ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ލާފައިވާ މ. ކޮޅުފުށީގައި ދިރިއުޅޭ މީހުންގެ ތެރެއިން ހާއްސަ ރައްކާތެރިކަމާއި އަޅާލުންް ބޭނުންވާ ފަރާތްތަކަށް ކެއާ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީ އިން ފަށައިފިއެވެ.

އެ މިނިސްޓްރީން ބުނީ މުލަކު އަތޮޅު ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން އެރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅެމުން ދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުޅައި ހާލު ބަލާފައިވާ ކަމަށެވެ.

އެގޮތުން ކެއާ ޕެކޭޭޖަސް ބޭނުންވާ ފަރާތްތަކަށް އެ ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެ ރަށަށް ފޮނުވި ތަކެތީގެ ތެރޭގައި ކުޑަކުދިންގެ ނެޕީ އާއި ސެނިޓައިޒާ އަދި ފޭސްމާސްކާއި އަންގި، އަތްދޮންނަ ފުޅި ފަދަ ތަކެތި ހިމެނެއެވެ.

ކޮޅުފުށިން ކޮވިޑް ކޭސްތަކެއް ފެނި އެރަށް މޮނީޓަރިން އަށް ލާފައި ވަނީ މިދިޔަ އާދިއްތަ ދުވަހެވެ. އެއީ އެރަށުން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އޭނާ އާ ބައްދަލުވި ފަރާތްތަކުގެ ޓެސްޓު ހަދައި، އޭގެ ތެރެއިން ބަޔަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.