އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު އެވަޓަންއާއި ނިއުކާސަލް ކުޅުނު މެޗު 2-0 އަކުން ނިއުކާސަލް ކާމިޔާބުކޮށްފިއެވެ.

މިއީ 11 މެޗަށް ފަހު ނިއުކާސަލްއިން މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. މި މެޗުގައި އެޓީމުން ޖެހި ދެ ލަނޑު ވެސް ނިއުކާސަލްއަށް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ފޯވަޑް ކޭލަމް ވިލްސަންއެވެ.

މެޗުގެ ފުރަތަމަ ހާފްގައި އޭނާ ލަނޑު ޖަހާނެ ދެތިން ފުރުސަތު ހޯދި އިރު މީގެ ތެރެއިން ސީދާ ގޯލާ އަމާޒުކޮށް ފޮނުވާލި އެއް ޝޮޓު ލަނޑަކަށް ނުވެ ސަލާމަތްވީ އެވަޓަންގެ ގޯލް ކީޕަރު ޖޯޑަން ޕިކްފޮޑްގެ ހުޝިޔާރު ކަމުންނެވެ. އެހެން ނަމަވެސް، ވޭތުވެދިޔަ 5 މެޗުން ވެސް ދަށްވެ ރެލިގޭޝަން ޒޯނަށް ވެއްޓުނު ނިއުކާސަލް މިއަދުގެ މެޗުން ސަލާމަތްކޮށް ދިނީ ވިލްސަން ޖެހި ދެލަނޑެވެ.

މިގޮތުން މެޗުގެ ފުރަތަމަ ލަނޑު އެޓީމަށް އޭނާ ކާމިޔާބުކޮށްދިނީ މެޗުގެ 73 ވަނަ މިނެޓްގައެވެ. އަދި ދެވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ގަޑީގެ ތެރޭގައެވެ. މެޗު ނިމުމުގެ ކުރިން ތިން ވަނަ ލަނޑެއް ޖަހާ ހެޓްރިކް ހަދާނެ ފުރުސަތު ވެސް ވިލްސަންއަށް ލިބުނެވެ.

މިއަދުގެ މެޗުގައި އެވަޓަންގެ ފަރާތުން މާ މޮޅު ކުޅުމެއް ފެނިފައި ނުވާ އިރު ސީޒަންގެ ކުރީކޮޅު އެޓީމުން ދައްކަމުންދިޔަ ފޯމް ކޮންމެވެސް ވަރަކަށް ގެއްލިފައިވާ ކަމަށް ފުޓުބޯޅަ ޕަންޑިޓުން ވަނީ ބުނެފައެވެ.

މި މެޗުން ލިބުނު ކާމިޔާބީއާއެކު ނިއުކާސަލް ވަނީ 22 ޕޮއިންޓާއެކު ތާވާލުގެ 16 ވަނަ އަށް ޖެހިލާފައެވެ.

އެވަޓަން އޮތީ ކުޅުނު 19 މެޗުން 33 ޕޮއިންޓް ހޯދައިގެން 7 ވަނައިގައެވެ.

އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ކުރިއަށް އަދި ފޯރިގަދަ މެޗުތަކެއް ހުރި އިރު ރާއްޖެ ގަޑިން ރޭގަނޑު 08:00 ޖަހާ އިރު ސިޓީއާއި ޝެފީލް ޔުނައިޓެޑް ވާދަކުރާ މެޗު ފާހަގަކޮށްލެވެއެވެ. އަދި މިރޭ 10:30 ގައި އާސަނަލްއާއި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗަކީ ވެސް ފޯރިގަދަ ވާނެ މެޗަކަށްވާނެއެވެ.