ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ދައުވާ ކުރި މައްސަލަައިގެ އިބްތިދާއީ އަޑުއެހުން މާދަމާ 9:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.
ޕީޖީން އަބްދުއްރަހީމްގެ މައްޗަށް ދައުވާ ކުރަނީ ހަޑިހުތުރު އެއްޗެހި ވިދާޅުވުމާއި ހަޑިހުތުރު ބަސް ބޭނުން ކުރެއްވުމާ ގުޅިގެންނެވެ. މި ދައުވާ ކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހު ކޮޅުގައެވެ. މާދަމާ ހެނދުނު 9:00 ޖަހާއިރު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލު ކޮށްފައިވާ އަދުރޭގެ މައްސަަލައިގެ ޝަރީއަތަކީ މި މައްސަލައާ ގުޅިގެން ބާއްވާ ފުރަތަމަ އަޑުއެހުމެވެ.
ގާނޫނުގެ 615 ވަނަ މާއްދާގެ (ހ) ގެ ތިން ވަނަ ނަންބަރުގައި ބުނާ ގޮތުގައި ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑި ހުތުރު އަމަލުތައް ކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ކުރުން ކަމަށާއި އަދި އެއީ ކުށެއް ކަމަށެވެ. އެ ކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެއް ކަމަށް ގާނޫނުގައި ބުނެއެވެ.
ޕީޖީން އިން އަދުރޭގެ މައްޗަށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރެއްވި ކަމަށް ދައުވާ ކުރުމާ ގުޅިގެން، އަދުރޭ ވިދާޅުވެފައި ވަނީ މި ސަރުކާރުން އޭނާއާ ދެކޮޅަށް ކިތަންމެ ވަރަކަށް ދައުވާ ކުރިއަސް މި ސަރުކާރުން ކުރާ ނުރަނގަޅު ކަންކަމުގެ ވާހަކަ ދެއްކެވުން ހުއްޓަވާ ނުލައްވާނެ ކަމަށެވެ. ކޮންމެ ދައުވާއެއް ކުރިއަސް އެކަމާ ކެރިގެން ކުރިމަތިލައްވާނެ ކަމަށް އަދުރޭ ވިދާޅުވެފައި ވެއެވެ.
ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކޮށްފައިވާ ކަމަށް ބުނެ އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު ރައީސް ވަހީދު ފުލުހަށް ހާޒިރުކުރި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ބޭއަދަބީ ބަހެއް ބޭނުން ކުރައްވާފައެވެ. އަދި ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހު ވެސް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވެސް އެފަދަ ބަހެއް ބޭނުން ކުރައްވާފައި ވެއެވެ.