ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މާލެ މިއަދު ކުރިއަށް ގެންދިޔަ މުޒާހާރާއިން އެކަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށާއި 11 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެންއިން ބުނީ، މިއަދު ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން 11 މީހަކު ހައްޔަރު ކޮށްފައިވާ ކަަމށާއި އެމީހުންގެ ތެރޭގައި ޕީއެންސީގެ ކައުންސިލް މެންބަރު ނަބީލް ޒަމީލް އަދި ސްޓީރިއަން ކޮމިޓީގެ މެންބަރުންވެސް ހިމެނޭ ކަމަށެވެ. ހަމައެއާއެކު މުޒާހަރާގެ ތެރެއިން އެކަކަށް އަނިޔާ ކުރުމުގެ ސަބަބުން އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެމީހާ ވަނީ ހޭނެތިފައި ކަމަށް ޕީޕީއެމުން ބުނެއެވެ. ނަމަވެސް ހޭނެތިގެން ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދެމުން ދަނީ ކާކަށް ކަން ޕީޕީއެމުން ހާމައެއް ނުކުރެއެވެ.

މިއަދު ކުރިއަށް ގެންދިޔަ މުޒަހާރަާއަކީ ހުކުރު ދުވަހާ ދިމަކޮށް އިދިކޮޅުން މުޅި ރާޖޭގައި ބާއްވަން ބުނި މުޒާހަރާއެވެ. "އިންސާފު ކޮބާ؟" ގެ ނަމުގައި ކުރި އަށް ގެންދިޔަ މި މުޒާހަރާ ޕީޕީއެމް އޮފީސް ކުރި މަތިން މިއަދު ހަވީރު 04:00 ގައި ފެށި ވާއިރު މާލެ ސަރަހައްދުގައި މުޒާހަރާގެ ބައިވެރިން ހިނގަމުން ދަނިކޮށް އެސްއޯ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާފައެވެ. މިހާރު މުޒަހަރާގެ ބައެއް ބައިވެރިން ތިބީ ޕާޓީ އޮފީސް ދޮރުމަތީގައެވެ. ފުލުހުން ވަނީ އެ މަގުގައިވެސް ބެރިކޭޑް ޖަހާ ބަންދުކޮށްފައެވެ.

މިއަދު މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން މަސައްކަތް ކުރި އިރު ހަވީރުގެ ވަގުތު އެސްއޯ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާފައެވެ. އެގޮތުން ޗެނަލް 13 ގެ ނޫސްވެރިންގެ ގަޔަށް ވެސް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވާ ކަަމަށް އެ ޗެނަލް އިން ބުނެއެވެ.

މި މުޒާހަރާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ޕީޕީއެމްގެ ނައިބް ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ކުރިމިނަލް ކޯޓުން ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމް ހައިކޯޓުން ދެމެހެއްޓުމާ ގުޅިގެން އިދިކޮޅު ސިޔާސީ ދެ ޕާޓީ އެކުވެގެން ދަނީ ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރަމުންނެވެ. އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނީ، މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަން ކަށަވަރު ކޮށްދީފި ކަމަށާއި އިންސާފު ގާއިމް ކޮށްދެވޭނެ ސަރުކާރެއް ނޫންކަން ސާބިތު ކޮށްދީފައިވާ ކަމަށެވެ. އަދި އަނިޔާވެރިކަމާ ދެކޮޅަށް އިންސާފު ހޯދުމަށް މުޒަހާރާތައް މާލޭގައި ބާއްވާނެ ކަމަށާއި ޔާމީންގެ ސަޕޯޓަރުންގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށެވެ.