އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އަންނަ ހުރިހާ ފްލައިޓަކަށް އިނގިރޭސިވިލާތުން ބޯޑަރު ބަންދު ކުރުމާއެކު، ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގެ ސިނާއަތުގައި އެންމެ ކާރޫބާރޫ ބޮޑު ރޫޓު ނުވަތަ މަގު، ބަންދުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ގްރާންޓް ޝާޕްސް ވިދާޅުވީ، އިނގިރޭސިވިލާތުގެ ބޯޑަރުތައް އެ ގައުމުތަކަކަށް ބަންދުކޮށްފައި ވާ 30 ގައުމުގެ ލިސްޓަށް ޔޫއޭއީ އިތުރު ކޮށްފައި ވާ ކަމަށެވެ. ރުވާންޑާއި އާއި ބުރޫންޑީވެސް މި ލިސްޓުގައި ހިމެނެއެވެ.

މި ލިސްޓަކީ ކޮރޯނަވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކަލާއެކު އިނގިރޭސިވިލާތުން އެކުލަވާލާފައިވާ ލިސްޓެކެވެ.

ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގެ ސިނާއަތުގައި އެންމެ ހަލަބޮލި ރޫޓުގެ ގޮތުގައި ސިފަކުރަމުން އަންނަ މަގަކީ، ދުބާއީއާއި ލަންޑަންއާއި ދެމެދު ދަތުރު ކުރާ މަގެވެ. އިނގިރޭސިވިލާތުގެ ނިންމުމާއެކު، މި މަގުން ކުރާ ދަތުރުތަކަށް ވަގުތީ މަޑުޖެހުމެއް މިވަނީ އައިސްފައެވެ.

އެމިރޭޓްސްގެ ފްލައިޓެއް / ފައިލް ފޮޓޯ: ދަ ނޭޝަނަލް

ޖެނުއަރީ 29، 2021 ވަނަ ދުވަހުގެ މެންދުރު 01:00 އިން ފަށައިގެން ދުބާއީ ނުވަތަ އަބޫދާބީއިން އަންނަ އެއްވެސް ފަސެންޖަރަކަށް އިނގިރޭސިވިލާތަށް ނުވަދެވޭ ގޮތް ވަނީ ހަދާފައެވެ. މި މަގުން ދަތުރު ކޮށް ނުވަތަ ޓްރާންސިޓް ވާ މީހުންނަށްވެސް މިކަން އޮތީ މިހެންނެވެ. އިސްތިސްނާ ވަނީ އިނގިރޭސި ރައްޔިތުންނާއި ރަށްވެހިންނެވެ. މިފަދަ މީހުންވެސް އަމިއްލަ ގޭގައި 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެމިރޭޓްސް އެއާވޭޒްއިން ބުނީ އިނގިރޭސިވިލާތާ ގުޅޭ ހުރިހާ ދަތުރެއް މިއަދު މެންދުރުން ފަށައިގެން ހުއްޓާލާނެ ކަމަށެވެ. ނަމަވެސް، އިއްތިހާޑު އެއާވޭޒްއިން ބުނީ، މެދުކަނޑާލަނީ އިނގިރޭސިވިލާތަށް ކުރާ ދަތުރުތައް އެކަނި ކަމަށާ، އިނގިރޭސިވިލާތުން ފުރާ ފްލައިޓްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖެނުއަރީ މަހު އެންމެ ބާރުބޮޑު ރޫޓަކީ ދުބާއީއާއި ލަންޑަންއާއި ދެމެދު ދަތުރުކުރި ރޫޓެވެ. މި ރޫޓުން ދަތުރު ކުރުމަށް މަހެއްގެ ތެރޭގައި 190365 ސީޓު ޝެޑިއުލް ކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

އެމިރޭޓްސްއާއި އިއްތިހާދަކީ އިނގިރޭސިވިލާތުގެ މަގުން އޮސްޓްރޭލިއާ ފަދަ ގައުމުތަކަށް ގިނަ އަދަދަކަށް ފަސެންޖަރުން އުފުލާ އެއާލައިންތަކެކެވެ. މި ބަދަލާއެކު، އިތުރު ޝެޑިއުލް ފްލައިޓް ދަތުރުތަކަކަށްވެސް ހުއްޓުން އަންނާނެ ކަމަށް ލަފާ ކުރެވެއެވެ.