ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށޫއަރާ ސަރަހައްދާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އަށް މޮރިޝަސް އިން އެ މައްސަލަ ބަލައި ގަނެ ގޮތެއް ކަނޑައަޅަން ނިންމައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، މި މައްސަލައިގެ އަޑު އެހުމެއް އިއްޔެ ބާއްވާފައިވާ އިރު މި މައްސަލަަ ހުށަހަޅާފައި ވަނީ މޮރިޝަސްގެ ފަރާތުންނެވެ.

އޭޖީ އޮފީހުން ބުނީ، އެ މައްސަލައިގައި އިޖުރާއީ ގޮތުން ރާއްޖެއިން ފާހަގަ ކުރި ކަންކަމާ ގުޅޭ ގޮތުން އަޑުއެހުންތައް ބޭއްވުމަށް ފަހު، މޮރިޝަސް އިން ހުށަހަޅާފައި ވާ މައްސަލައަކީ މައުލޫއީ ގޮތުން ބެލޭނެ މައްސަލައެއް ކަން ޓްރައިބިއުނަލް އިން ކަނޑައަޅާފައިވާ ކަމަށެވެ. ބައިނަލް އަގުވާމީ އުސޫލުތަކަށް ރިއާޔަތްކުރާ އިރު، އާންމު އުސޫލެއްގެ ގޮތުން އެފަދައިން ފުށޫ އަރާ ސަރަހައްދާ މެދު ގޮތެއް ކަނޑައެޅިގެން ދާނީ ހަމަހަމަ އުސޫލަކުން ދެ ގައުމަށް ލިބޭ ގޮތަށް އިކުއިޑިސްޓެންސްގެ އުސޫލު ބޭނުން ކޮށްގެން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ޝާގޯށް ނުވަތަ ފޯޅަވެއްސަކީ އައްޑުއަތޮޅާއި ދުރުނޫން ސަރަހައްދެއްގައި އޮންނަ މޮރިޝަސްގެ ޖަޒީރާ ރަށެކެވެ. ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކޮންޓިނެންޓަލް ޝެލްފްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި، ކަނޑުތަކާއި ބެހޭ ބައިނަލްއަގުވާމީ ގާނޫނު (ލޯ އޮފް ދަ ސީސް ކޮންވެންޝަން) ގެ ދަށުން ރާއްޖެއިން ވަނީ 2010 ވަނަ އަހަރު އދ. އަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުގައިވާ އިންތައް ހުށަހަޅާފައެވެ. މި ހުށަހެޅުން އދއަށް ފޮނުވުމާއި ގުޅިގެން މޮރިޝަސްއިން ވަނީ އެހުށަހެޅުމާއި ދެކޮޅު ހަދާކަން އދ. ގެ ސެކްރެޓަރީ ޖެނެރަލްއަށް އަންގާފައެވެ

އިނގިރޭސިންގެ އަސްކަރީ ބޭހެއް ގާއިމްކޮށްފައިވާ ފޯޅަވަހި މޮރިޝަސްއާ ހަވާލު ކުރުމަށް ގޮވާލާ އދ ގެ އާންމު މަޖިލީހުގައި ނެގި ވޯޓްގައި ރާއްޖެއިން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓްލީ ހަ ގައުމުގެ ތެރޭގައި ހިމެނިފައެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. އެކަމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ވިދާޅުވީ، އެ ވޯޓްގައި ރާއްޖެއިން ރަތަށް ފިތަން ޖެހުނީ ފޯޅަވައްސަކީ ރާއްޖެެއާ ބައުންޑަރީއެއް އޮތް ހަމައެކަނި ގައުމަށް ވެފައި، ރާއްޖޭގެ ކޮންޓިނަންޓަލް ޝެލްފް ނޫނީ ސަރަހައްދި އިން ވަކިކުރުމުގެ މައްސަލަ އދ ގައި އޮތުމުން ކަމަށެވެ.

ކަނޑުގެ ސަރަހައްދުތަކަކީ ނުވަތަ އިންތަކަކީ ސީ އޮފް ކޮންވެންޝަންގެ ދަށުން ކޮންމެ ގައުމަކަށް ވެސް ކަނޑައަޅާ އިންތަކެކެވެ. އެގޮތުން، ރާއްޖެ މިނިވަން ވުމާއި އެކު ރާއްޖޭގެ އުތުރުގެ އިންތައް ކަނޑައެޅިފައި ވާއިރު، ރާއްޖޭގެ ދެކުނުގެ އިންތައް ކަނޑައެޅިފައެއް ނުވެއެވެ. ރާއްޖެ މިނިވަން ވުމާއި އެކު ރާއްޖޭގެ އުތުރުން މި އިންތައް ކަނޑައެޅުނީ، ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ ހިމެނޭ ގޮތަށް ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

އަދި ފޯޅަވަހި މޮރިޝަސްއާ ހަވާލު ކުރަން ރާއްޖެއިން ތާއީދުކޮށް ވޯޓް ދީފި ނަމަ، އދ ގައި އޮތް މައްސަލަ ނިމޭ ގޮތަކުން ރާއްޖޭގެ ކޮންޓިނަންޓަލް ޝެލުފުން ބައެއް ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު އޮތުމަކީ އެކަމަށް ރާއްޖެއަށް ތާއީދު ނުކުރެވުނު ސަބަބު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.