މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާ ކޮންޓްރޯލް ކުރަމުން ދާ ގޮތަށް ބަލާ، ލޯވީ އިންސްޓިޓިއުޓް އޮފް އޮސްޓްރޭލިއާއިން އެކުލަވާލި ކޮވިޑް ޕާފޯމަންސް އިންޑެކްސް (ސީޕީއައި)ގެ ގަދަ 10 އެއްގެ ރޭންކުން، އަވަށްޓެރި ސްރީލަންކާ، ޖާގަ ކަށަވަރު ކޮށްފިއެވެ.
ގަދަ 10އެއްގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ނިއުޒީލަންޑް، ވިއެޓްނާމް އަދި ޓައިވާންއެވެ. އޭގެ ފަހަތުން ތައިލޭންޑް، ސައިޕްރަސް، ރުވާންޑާ، އައިސްލަންޑް، އޮސްޓްރޭލިއާ އަދި ލެޓްވިއާއެވެ. ކާމިޔާބު ކަމާއެކު ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރަމުން އަންނަ ގަދަ 10 ގައުމުގެ ލިސްޓަށް ބަލާއިރު، ލަންކާ އޮތީ 10 ވަނާގައެވެ. ލަންކާއަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ގަދަ 10 އެއްގައި ހިމެނުނު ހަމައެކަނި ގައުމެވެ.
ލަންކާއަށް ފަހު، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން މި ލިސްޓުގައި ދެން އެންމެ ކުރިއަށް އޮތީ ދިވެހިރާއްޖެއެވެ. 61.0 ގެ އެވަރޭޖަކާއެކު ދިވެހި ރާއްޖެ އޮތީ ސީޕީއައި ރޭންކިންގްގެ 25 ވަނާގައެވެ. 36.9 ގެ އެވަރޭޖަކާއެކު 69 ވަނާގައި ޕާކިސްތާނު އޮތް އިރު، 24.9 ގެ އެވަރޭޖަކާއެކު 84 ވަނާގައި އޮތީ ބަންގްލަދޭޝްއެވެ.
98 ގައުމެއް ލިސްޓުކޮށްގެން އެކުލަވާލި މި ރޭކިންގްގައި އިންޑިއާ އޮތީ 24.3 ގެ އެވަރޭޖަކާއެކު، 86 ވަނާގައެވެ.
ލޯވީ އިންސްޓިޓިއުޓްގެ ދިރާސާ ޓީމުން މި ތަފާސް ހިސާބުތައް އެކުލަވާލާފައިވަނީ، ކޮވިޑްގެ ކޭސްތަކާއި، މަރުގެ ކޭސްތަކާއި، ޓެސްޓު ރުޕޯޓްތަކަށް ބަލައިގެންނެވެ. މި ދިރާސާއަށް މައުލޫމާތު އެއްކޮށްފައިވަނީ، ކޮންމެ ގައުމަކުންވެސް 100 ވަނަ ކޮވިޑް ކޭސް ފެނުނު ހިސާބުން ފެށިގެން 36 ހަފުތާގެ މުއްދަތަށް، ޖެނުއަރީ 9، 2021 ގެ ނިޔަލަށް ލިބިފައިވާ ތަފާސް ހިސާބުތަކުންނެވެ.
ލޯވީ އިންސްޓިޓިއުޓް އިން ބުނީ، ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާ، މި ލިސްޓުގައި ހިމަނާފައި ނުވަނީ، އާންމު މައުލޫމާތު ލިބިގަތުމުގައި ހުރި ހުރަސްތަކުގެ ސަބަބުން ކަމަށެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމުގައި އޮތް އެމެރިކާ ލިސްޓު ކޮށްފައި ވަނީ ކޮވިޑް ޕާފޯމަންސް އިންޑެކްސްގެ 94 ވަނާގައެވެ.
ލަންކާގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 61586 އަށް އަރާފައެވެ. އަދި މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 297 އަށް އަރައެވެ. ކޮވިޑް-19އިން ދިފާއުވުމަށް ހިންގާ ކޮވިޑް ވެކްސިން ކެމްޕޭން، މިއަދުގެ ވަގުތެއްގައި ލަންކާގައި ފެށުމަށް ވަނީ ނިންމާފައެވެ.