ސައުދީ އަރަބިއްޔާގެ ސަރުކާރުން ހިންގާ ތެޔޮ ކުންފުނި، އަރަމްކޯގެ އިތުރު ހިއްސާ ވިއްކައިގެން، އެ ގައުމުގެ ސޮވްރިން ވެލްތު ފަންޑު މުއްސަނދި ކުރުމަށް ނިންމާފައި ވާ ކަމަށް، ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ވިދާޅުވެއްޖެއެވެ.

ސޮވްރިން ވެލްތު ފަންޑު ނުވަތަ އިޖުމާތީ މާލިއްޔާގެ ފަންޑަކީ، މާއްދީ އަދި މާލީ އެސެޓްތަކުގައި އިންވެސްޓް ކުރުމަށް ދައުލަތުގެ ބާރުގެ ދަށުގައި އޮންނަ ފަންޑެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނީގެ މަގާމުވެސް ކަށަވަރުކޮށްފައި ވާ އަރަމްކޯއިން ވަނީ، އާންމު ހިއްސާ ވިއްކުމުގެ ވިޔަފާރީގެ އެންމެ ބޮޑު ކުންފުނީގެ ރޭންކުވެސް 2019 ވަނަ އަހަރު ކަށަވަރު ކޮށްފައެވެ. އެ ފަހަރު ހިއްސާ ވިއްކައިގެން އެ ކުންފުނިން 25.6 ބިލިއަން ޑޮލަރު ކަށަވަރު ކުރިއެވެ. އޭގެ ފަހުންވެސް އިތުރު ހިއްސާ ވިއްކައިގެން އަރަމް ކޯއިންވަނީ، ޖުމުލަ 29.4 ބިލިއަން ޑޮލަރު ހޯދާފައެވެ.

ސައުދީގެ ގައުމީ ތެޔޮ ކުންފުނި ސައުދީ އަރަމްކޯ ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ރޮއިޓާޒް

އަރަމްކޯގެ ހިއްސާގެ ވިޔަފާރިން ލިބޭ އާމްދަނީ ޖަމާ ކުރަނީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު (ޕީއައިއެފް) އަށެވެ. މިއީ ތެލުގެ ސިނާއަތަށް ސައުދީ އަރަބިއްޔާ ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، އިގުތިސޯދީ ރޮނގުން އެހެން މިސްރާބުތަކަށް ގައުމުގެ ހުންގާނެ އެނބުރުމަށް އެމްބީއެސް ގެންގުޅުއްވާ މައި ހަތިޔާރެވެ.

ކުރިއަށް އޮތް ތަނުގައި އަރަމްކޯއިން އިތުރު ހިއްސާ ވިއްކައިގެން ލިބޭ އާމްދަނީވެސް ޖަމާވާނީ ޕީއައިއެފްއަށް ކަމަށާ، މި ފައިސާއަކީ ސައުދީއާއި ސައުދީއިން ބޭރުގައި އިންވެސްޓް ކުރުމަށް ހަރަދު ކުރާނެ ފައިސާ ކަމަށް، ސައުދީ އަރަބިއްޔާގެ ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެމްބީއެސް ވަނީ ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހުގެ ވިޔަފާރި ނިންމާލިއިރު، އަރަމްކޯގެ އަގެއް ކަމުގައި ރެކޯޑް ކޮށްފައި ވަނީ 1.86 ޓްރިލިއަން ޑޮލަރެވެ.

400 ބިލިއަން ޑޮލަރުގެ ޕީއައިއެފް އަމާޒު ހިފާފައި ވަނީ، 2025 ވަނަ އަހަރު އަންނައިރު، 1 ޓްރިލިއަން ޑޮލަރު ކަށަވަރު ކުރުމަށެވެ. މިއާއެކު ސައުދީގެ ސޮވްރިން ވެލްތު ފަންޑު ވެގެންދާނީ، ދުނިޔޭގެ ނިސްބަތުންވެސް އެންމެ އަގުހުރި ފަންޑުތަކުގެ ލިސްޓުން ޖާގަ ހޯދާނެ ފަންޑަކަށެވެ.