އިންޑޮނޭޝިއާގެ އަޗޭ ޕްރޮވިންސްގައި، އެއް ޖިންސުން ގުޅުން ހިންގި 2 ފިރިހެނުން ތައުޒީރު ކޮށްފިއެވެ.

ބަންޑާ އަޗޭގައި އާންމުންގެ ކުރިމަތީގައި މި 2 މީހުންވެސް ތައުޒީރު ކޮށްފައި ވަނީ 77 އެތިފަހަރުން ކަމަށް މައުލޫމާތު ލިބެއެވެ.

މި 2 މީހުން އެއް ޖިންސުން ގުޅުން ހިންގާ ކަމަށް އަވަށްޓެރިން ތަކެއް ރިޕޯޓް ކުރީ، މިދިޔަ ނޮވެމްބަރު މަހުއެވެ.

އިސްލާމީ އާބާދީ އެންމެ ބޮޑު ގައުމުގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑޮނޭޝިއާގައި އިސްލާމީ ޝަރީއާ އޭގެ ގޮތުގައި ތަންފީޒު ކުރާ ހަމައެކަނި ސަރަހައްޗަކީ އަޗޭ ޕްރޮވިންސްއެވެ.

އިންޑޮނޭޝިއާގެ އަޗޭ ޕްރޮވިންސްގައި އެކަށީގެން ނުވާ ގޮތަކަށް ފިރިހެނަކާ ގައިގޯޅިވި އަންހެނެއްގެ ގައިގައި ހައްދު ޖަހަނީ / ފޮޓޯ: އޭއެފްޕީ

އެއް ޖިންސުން ގުޅުން ހިންގި 2 ފިރިހެނުން ތައުޒީރު ކުރުމުގެ އިތުރުން، ޖުވާ ކުޅުމާއި، ރާ ބުއިމާއި އަނެއް ޖިންސުގެ މީހުންނާ ބައްދަލުކޮށް ހެދި 4 މީހެއްގެ ގައިގައިވެސް ވަނީ ހައްދު ޖަހާފައެވެ.

އިންތިހާއަށް ގައިގޯޅިވި ކަމުގެ ކުށުގައި އަންހެނަކާއި ފިރިހެނެއްގެ ގައިގައި 20 އެތިފަހަރުން ހައްދު ޖަހާފައި ވާއިރު، ރާބުއިކަމުގެ ކުށުގައި 2 ފިރިހެނެއްގެ ގައިގައި 40 އެތިފަހަރުން ހައްދު ޖަހާފައިވެއެވެ.

އިންޑޮނޭޝިއާގެ ޕަބްލިކް އޯޑާ އޮފިޝަލެއް ކަމަށްވާ ހީރޫ ތްރިވިޖަނަރުކޯ ވިދާޅުވީ، އިސްލާމީ ޝަރިއާ ތަންފީޒު ކުރުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާ، ކޮންމެ މީހަކު ކަމުގައި ވިއަސް، މެހެމާނަކު ކަމުގައި ވިއަސް، އެތަނެއްގައި އޮންނަ އުސޫލުތަކަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.