އިދިކޮޅު ސިޔާސީ ދެ ޕާޓީ އެކުވެގެން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުން ފުލުހުން ހައްޔަރު ކުރި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި އެޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދޫކޮށްލައިފިއެވެ.

'ދަ ޕްރެސް' އަށް މި ކަން ކަށަވަރުކޮށްދީފައި ވަނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދެވެ.

މި ދެބޭފުޅުން ބަންދުގައި ބޭތިއްބުމަށް ފަހު މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. މިއަދު ކްރިމިނަލް ކޯޓުން މި ދެބޭފުޅުން ދޫކޮށްލާފައި ވަނީ 3 ކަމެއް ޝަރުތު ކުރުމަށްފަހުއެވެ.

'ދަޕްރެސް' އަށް މައުލޫމާތު ދެމުން ކްރިމިނަލް ކޯޓުން ބުނީ، އަދުރޭ އަދި ޝުޖާ ދޫކޮށްލުމަށް ހުށަހަޅާފައިވާ ޝަރުތަކަކީ މާލެއިން ބޭރަށް ވަޑައިގަންނަވާ ނަމަ ފުލުހުންގެ ހުއްދަ ލިޔުމަކުން ހޯދުމަށާއި، ފުލުހުންގެ ތަހުގީގަށް އެ އިދާރާއަށް ހާޒިރުވުމަށް އަންގައިފި ނަމަ ހާޒިރުވުމުގެ އިތުރުން މިހާރު ދިރިއުޅުއްވަމުން ގެންދަވާ އެޑްރެސް އަދި ފޯނު ނަންބަރު ބަދަލުވާ ނަމަ އެކަން ފުލުހުންނަށް އެންގުމަށް ކަމަށެވެ. މިއަދު ކްރުމިނަލް ކޯޓުން ކުރި ޝަރުތު ތަކުގެ މުއްދަތަކީ 30 ދުވަސް ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ކުރިމިނަލް ކޯޓުން ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމް ހައިކޯޓުން ދެމެހެއްޓުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން އަންނަނީ ސިލްސިލާކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކޮށް ރައީސް ޔާމީނަށް ނުހައްގުން ކުރަމުންދާ އަނިޔާ ހުއްޓުމަށް ގޮވާލަމުންނެވެ. އެ ގޮތުން މިދިޔަ ހޯމަ ދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގެ އެކި ސަރަހައްދު ތަކަށް އެކި ވަގުތުތަކުގައި އެއްވެ މުޒާރަހަރާ ކޮށްފައިވާ އިރު އެ މުޒާހަރާގައި އިދިކޮޅުގެ 24 މީހަކު ހައްޔަރު ކުރިއެވެ. އޭގެތެރެގައި އަދުރޭ އަދި ޝުޖާ ހިމެނެއެވެ.

އިދިކޮޅުން ބުނެފައި ވަނީ ރައީސް ޔަމީނަށް އިންސާފު ހޯދުމަސް ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަން ކަށަވަރު ކޮށްދީފި ކަމަށާއި އިންސާފު ގާއިމް ކޮށްދެވޭނެ ސަރުކާރެއް ނޫންކަން ސާބިތު ކޮށްދިނީ ރައީސް ޔާމީނަށް ހައިކޯޓުން ކުރި ހުކުމުން ކަމަށް ވެސް އިދިކޮޅުން ބުނެއެވެ. އަދި އަނިޔާވެރިކަމާ ދެކޮޅަށް އިންސާފު ހޯދުމަށް މުޒަހާރާތައް މާލޭގައި ބާއްވާނެ ކަމަށާއި ޔާމީންގެ ސަޕޯޓަރުންގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

އެގޮތުން މާދަމާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "އިންސާފު ކޮބާ؟" ގެ ނަމުގައި މުޒާހަރާއެއް ކުރަން ވަނީ ނިންމާފައެވެ.