ރާއްޖެއިން ބޭރުން އަންނަ ސަބްމެރިން، ޔޮޓް، ކްރޫޒް ފަދަ އުޅަނދުތައް ހިމާޔަތް ކުރެވިފައިވާ ސަރަހައްދަށް ވަނުމުގެ ކުރިން ހުއްދަ ނެގުމަށާއި އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަނޑައަލާފައިވާ މިންގަޑުތަކަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފިއެވެ.

އީޕީއޭއިން މިފަދައިން އިލްތިމާސްކޮށްފައި ވަނީ ރާއްޖޭން ބޭރުން އަންނަ ސަބްމެރިންތަކާއި ޔޮޓްތަކާއި ކުރޫޒްތަކާއި މިފަދަ އުޅަނދުތަކުގައި ފަތުރުވެރިކަމުގެ ބޭނުމުގައި ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު 4/93 ގެ ދަށުން ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް ވަންނަމުން ދާތީ ކަމަށް އެ ފަރާތުން ބުނެއެވެ. އަދި އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ވެއްޓާއި ދިރުންތަކަށް ގެއްލުން ލިބެމުންދާ ފާހަގަ ކުރެވިފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.

އެ ސަރަހައްދުތައް ހިމާޔަތް ކުރެވިފައި ވަނީ އެ ސަރަހައްދުތަކުގެ ދިރުންތަކާއި މާހައުލު ރައްކާތެރިކޮށް ދެމެހެއްޓުމަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އީޕީއޭއިން ބުނެއެވެ. އެ ސަރަހައްދުތަކަށް ވަދެ ނިކުމެ އުޅުމާއި ބޭނުން ކުރުމުގެ ވަކި މިންގަނޑުތަކެއް ވަނީ ހިމާޔަތްކުރުމާއި ގުޅިގެން ކަނޑައަޅާ އިއުލާން ކޮށްފައި ކަމަށް އީޕީއޭއިން ބުނެއެވެ.

އެހެންކަމުން އެ ސަރަހައްދުތަކަށް ވަނުމުގެ ކުރިން އީޕީއޭއިން ހޯދަށްޖެހޭ ހުއްދަތަށް ހޯދުމަށާއި އެ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރުމަށް ލޯކަލް އޭޖެންޓުންނާއި ޓުއާ އޮޕްރޭޓަރުން އަދި ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުކަންދިނުމަށް އިލްތިމާސްކުރާ ކަމަށް އެ އެޖެންސީން ބުނެއެވެ.