ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް އިން ރާއްޖެއަށް 14 ޕޮއިންޓުގެ ކުރިއެރުމެއް ލިބުމުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު، ކެރޮން ރޮސްލާ، ރާއްޖެއަށް ތައުރީފު ކުރައްވައިފިއެވެ.
އިނގިރޭސި ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަބަދުވެސް ކަންކަން އޮންނަ ގޮތަށްވުރެ އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށެވެ. ނަމަވެސް ރާއްޖެއިން މިއަދު ހޯދި ކާމިޔާބީއިން އެނގެނީ ކޮރަޕްޝަން ނައްތާލުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ ކަން ކަމަށް ވިދާޅުވެ އޭނާ ވަނީ ރާއްޖެއަށް ތައުރީފު ކުރައްވާފައެވެ.
2020 ވަނަ އަހަރުގެ ސީޕީއައި އިން ދައްކާ ގޮތުގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 75 ވަނައިގައެވެ. 2019 ވަނަ އަހަރުގެ ސީޕީއައި އާ އަޅާ ބަލާއިރު ރާއްޖެ މިވަނީ 14 ޕޮއިންޓް ކުރި ހޯދައި، ގައުމުތަކުގެ ތަރުތީބު ކުރުމަށް ބަލާއިރު 55 ދަރަޖަ ކުރި ހޯދާފައެވެ.
2020ވަނަ އަހަރުގެ ސީޕީއައި ހެދުމުގައި ބަލާފައިވަނީ ދުނިޔޭގެ 180 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައި ވާ ކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކަށާއި، ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިރު ކުރާ ދިރާސާތަކުގެ މައްޗަށެވެ. މި އިންޑެކްސް ގައި ބޭނުން ކުރަނީ ސުމަކުން ފެށިގެން 100އާ ދެމެދުގެ މިންގަނޑެކެވެ. އެގޮތުން ސުމަކުން ވަރަށް ކޮރަޕްޓް ގައުމުތައް ރަމްޒު ކޮށްދޭ އިރު، 100 އިން ރަމްޒުކޮށް ދެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކެވެ.
ސީޕީއައި ގައި ގައުމުތަކަށް ލިބޭ ޕޮއިންޓް ކަނޑައަޅަނީ މަދުވެގެން ތިން މަސްދަރެއް މެދުވެރިކޮށް ހޯދާ މައުލޫމާތު އެއްކޮށްގެން ނެރޭ ނަތީޖާއެއް ބޭނުން ކޮށްގެންނެވެ. 2020 ވަނަ އަހަރު ރާއްޖޭގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތް ކޮށްފައިވަނީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވާލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީޕީއައިއޭ) އަށެވެ. މި މަސްދަރުތަކުން މައުލޫމާތު ހޯދާފައި ވަނީ ޖެނުއަރީ 2019 އިން ޖެނުއަރީ 2020 އަށެވެ.