ކޮރަޕްޝަން ހުއްޓުވުމަށް ޓްރޭންސްޕޭރެންސީ މޯލްޑިވްސުން ދިވެހި ސަރުކާރަށް 4 ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

ޓްރާންސްޕޭރެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) އިން ފާހަގަ ކުރެވޭ މުހިންމު އެއް ކަމަކީ، ކޮރަޕްޝަން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އަށަގަންނަމުން ދާ ގޮތާއި މިންވަރު ތަފާތު ކަމަށެވެ. ނަމަވެސް ކޮރަޕްޝަނަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް މުޅި ދުނިޔެއަށް އޮތް ގޮންޖެހުމެއް ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ. އަދި ކޮވިޑް-19 އަކީ ސިއްހީ އަދި އިގްތިސާދީ ކާރިސާއެއްގެ އިތުރުން ކޮރަޕްޝަންގެ ކާރިސާއެއް ކަންވެސް އެ ޖަމްއިއްޔާއިން ފާހަގަ ކޮށްފައި ވެއެވެ.

އެ ޖަމްއިއްޔާއިން ބުނީ ކޮރަޕްޝަނަކީ ކޮވިޑް-19 އާއި އެހެނިހެން ކާރިސާތަކާއި ދެކޮޅަށް އިންސާފުވެރި ކަމާއިއެކު މަސައްކަތް ކުރުމަށް އެޅޭ ހުރަކަށް ވާއިރު، ކުއްލި ހާލަތްތަކުގައި ކޮރަޕްޝަނާއި ދެކޮޅު، ހާމަކަން ބޮޑު ސިޔާސަތުތައް ގެންގުޅުން މުހިންމު ކަމަށެވެ. އެގޮތުން، ޓްރާންސްޕޭރެންސީ މޯލްޑިވްސުން ވަނީ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން ގޮވާލާފައިވާ ގޮވާލުން ތަކުރާރުކޮށް ދިވެހި ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެއީ:

  1. ވަސީލަތްތައް ފޯރޮ ކޮށްދެވެނީ އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށްތޯ ކަށަވަރު ކުރުމުގެ ގޮތުން، މިނިވަން މުއައްސަސާތައް ހަރުދަނާ ކުރުން. އެގޮތުން މިނިވަން މުއައްސަސާތަކާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ މުއައްސަސާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ ބަޖެޓާއި ވަސީލަތްތައް އަދި ފުރިހަމަ މިނިވަންކަން ލިބެން ޖެހޭ.
  2. ކޮންޓްރެކްޓިން ނިޒާމަކީ، ކޮންޓްރެކްޓިންގެ އުސޫލުތަކާއި ހިލާފަށް ކުރާ ކަންތައްތައް ހުއްޓުވުމަށާއި މަސްލަހަތު ފުށު އަރާ ކަންތައްތައް ފާހަގަ ކުރުމުގެ އިތުރުން ރަނގަޅު އިންސާފުވެރި އަގުތައް ކަށަވަރު ކުރުމަށްޓަކައި ހުޅުވާލާފައިވާ، ހާމަކަން ބޮޑު ނިޒާމެއްކަން ކަށަވަރު ކުރުން.
  3. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ރައްޔިތުންގެ ބައިވެރިވުމަށް ބާރުއަޅައި ޑިމޮކްރަސީ ދިފާއުކުރުން.
  4. ރައްޔިތުންނަށް ބޭނުންތެރި މައުލޫމާތު، ހާއްސަކޮށް ކުއްލި ހާލަތްތަކުގައި ސަރުކާރުން ހަރަދު ކުރަމުންދާ ގޮތާއި ވަސީލަތްތައް ބޭނުން ކުރަމުންދާ ގޮތުގެ މައުލޫމާތު ފަސޭހަ ކަމާއެކު ވަގުތުން ވަގުތަށް ލިބުން ޔަގީން ކުރުމަށް މައުލޫމާތު ޝާއިއުކޮށް އެއަށް ވާސިލުވެވޭ ކަން ކަށަވަރު ކުރުން.

ކޮރަޕްޝަން ހުއްޓުވުމަށް ޓްރާސްންޕޭރެންސީ ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅާފައި ވާއިރު، 2020 ވަނަ އަހަރުގެ ސީޕީއައި އިން ދައްކާ ގޮތުގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 75 ވަނައިގައެވެ. 2019 ވަނަ އަހަރުގެ ސީޕީއައި އާ އަޅާ ބަލާއިރު ރާއްޖެ މިވަނީ 14 ޕޮއިންޓް ކުރި ހޯދައި، ގައުމުތަކުގެ ތަރުތީބު ކުރުމަށް ބަލާއިރު 55 ދަރަޖަ ކުރި ހޯދާފައެވެ.

2020ވަނަ އަހަރުގެ ސީޕީއައި ހެދުމުގައި ބަލާފައިވަނީ ދުނިޔޭގެ 180 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައި ވާ ކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކަށާއި، ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިރު ކުރާ ދިރާސާތަކުގެ މައްޗަށެވެ. މި އިންޑެކްސް ގައި ބޭނުން ކުރަނީ ސުމަކުން ފެށިގެން 100އާ ދެމެދުގެ މިންގަނޑެކެވެ. އެގޮތުން ސުމަކުން ވަރަށް ކޮރަޕްޓް ގައުމުތައް ރަމްޒު ކޮށްދޭ އިރު، 100 އިން ރަމްޒުކޮށް ދެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކެވެ.

ސީޕީއައި ގައި ގައުމުތަކަށް ލިބޭ ޕޮއިންޓް ކަނޑައަޅަނީ މަދުވެގެން ތިން މަސްދަރެއް މެދުވެރިކޮށް ހޯދާ މައުލޫމާތު އެއްކޮށްގެން ނެރޭ ނަތީޖާއެއް ބޭނުން ކޮށްގެންނެވެ. 2020 ވަނަ އަހަރު ރާއްޖޭގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތް ކޮށްފައިވަނީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވާލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީޕީއައިއޭ) އަށެވެ. މި މަސްދަރުތަކުން މައުލޫމާތު ހޯދާފައި ވަނީ ޖެނުއަރީ 2019 އިން ޖެނުއަރީ 2020 އަށެވެ.