ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުގެ މަގުސަދުގައި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީއައި) އިން މިއަދު ނެރުނު 2020 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެ 14 ޕޮއިންޓު މައްޗަށް ޖެހިލައިފިއެވެ.

2020ވަނަ އަހަރުގެ ސީޕީއައި ހެދުމުގައި ބަލާފައިވަނީ ދުނިޔޭގެ 180 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައި ވާ ކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކަށާއި، ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިރު ކުރާ ދިރާސާތަކުގެ މައްޗަށެވެ. މި އިންޑެކްސް ގައި ބޭނުން ކުރަނީ ސުމަކުން ފެށިގެން 100އާ ދެމެދުގެ މިންގަނޑެކެވެ. އެގޮތުން އެންމެ ކޮރަޕްޓް ގައުމުތައް 0 އިން ރަމްޒު ކޮށްދޭ އިރު، 100 އިން ރަމްޒުކޮށް ދެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކެވެ.

ސީޕީއައި ގައި ގައުމުތަކަށް ލިބޭ ޕޮއިންޓް ކަނޑައަޅަނީ މަދުވެގެން ތިން މަސްދަރެއް މެދުވެރިކޮށް ހޯދާ މައުލޫމާތު އެއްކޮށްގެން ނެރޭ ނަތީޖާއެއް ބޭނުން ކޮށްގެންނެވެ.

2020 ވަނަ އަހަރުގެ ސީޕީއައި އިން ދައްކާ ގޮތުގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 75 ވަނައިގައެވެ. 2019 ވަނަ އަހަރުގެ ސީޕީއައި އާ އަޅާ ބަލާއިރު ރާއްޖެ މިވަނީ 14 ޕޮއިންޓް ކުރި ހޯދައި، ގައުމުތަކުގެ ތަރުތީބު ކުރުމަށް ބަލާއިރު 55 ދަރަޖަ ކުރި ހޯދާފައެވެ.

2020 ވަނަ އަހަރު ރާއްޖޭގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތް ކޮށްފައިވަނީ ބައިނަލްއަގްވާމީ ތިން މަސްދަރަކަށެވެ. އެއީ، ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވާލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީޕީއައިއޭ) އެވެ. މިމަސްދަރުތަކުން މައުލޫމާތު ހޯދާފައި ވަނީ ޖެނުއަރީ 2019 އިން ޖެނުއަރީ 2020 އަށެވެ.

ސީޕީއައި ގައި ކުރި ހޯދުމަކީ ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވީ ނަމަވެސް ރާއްޖެ އަދިވެސް ހިމެނެނީ 50 އަށް ވުރެ ދަށުން ޕޮއިންޓް ލިބުނު ތިންބައި ކުޅަ ދެބައި ގަމުތަކުގެ ތެރޭގައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ގާނޫނީ ނިޒާމު ހަރުދަނާކުރުން ފަދަ ދާއިރާތަކުން ރާއްޖެ ކުރި ހޯދާފައި ވީ ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް ފުރިހަމަ ކަމާއިއެކު މަސައްކަތް ކުރުމަށް އަދިވެސް ނުކުޅެދިފައިވާ ކަން މިސާވޭ އިން ދައްކައެވެ.