ރާއްޖޭގެ ކޮވިޑްގެ ހާލަތު އޮތް ގޮތަށް ބަލާއިރު، ރޭ އެންމެ ހޫނު އެއް ހަބަރަކަށް ނޫސްތަކަށް އެރީ މ. ކޮޅުފުށިން ނެގި ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވި ކަމުގެ ހަބަރެވެ. ޖުމްލަ 105 ސާމްޕަލްގެ ތެރެއިން 9 ސާމްޕަލެއް ޕޮޒިޓިވް ވާނީ ކޮންމެވެސް ގޮތަކުން ރަށަށް ބަލި އިމްޕޯޓް ވީމަތާއެވެ.

އެރަށުން ކޮވިޑް ކޭސްތަކެއް ފެނުނީ ކިހިނެއްތޯ ސާފު ކުރުމަށް ރޭ 'ދަ ޕްރެސް' އިން އެރަށު ކައުންސިލަށް ގުޅުމުން ކައުންސިލުން މައުލޫމާތު ދިނީ، އެރަށުން 9 މީހަކު ޕޮޒިޓިވް ވެފައި ވަނީ އެރަށަށް މާލެއިން ދިޔަ މީހަކު ކަރަންޓީންގައި ހުރެ ދިޔަ ފަހުން ކަމަށެވެ. ހޯމް ކަރަންޓީނަށްފަހު ނަތީޖާ ނެގެޓިވް ވުމުން، 10 ވަރަކަށް ދުވަސް ރަށުގައި އުޅުމަށްފަހު މިމަހުގެ 19 ވަނަ ދުވަހު މާލެ އައި ފަހުން ކޮވިޑްގެ އަލާމާތްތައް ހުރެ ޓެސްޓު ކުރުމުން ޕޮޒިޓިވް ވީ ކަމަށެވެ.

އަދި އޭނާގެ ނަތީޖާ މިމަހު 22 ވަނަ ދުވަހު ލިބުމުން ރަށުގައި ރެންޑަމް ސާމްޕަލްތަކެއް ނަގާ ޓެސްޓު ކުރި ކުރުމުން އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެނުނީ ކަމަށެވެ.

ނަމަވެސް، މިއަދު އެރަށު ކައުންސިލަށް ގުޅުމުން މައުލޫމާތު ދިނީ ތަފާތު ގޮތަކަށެވެ.

ކޮޅުފުށީ މަގެއް

ރަށުގައި ބަލި ފެތުރިފައި ވަނީ ކަރަންޓީނުގައި ހުރުމަށްފަހު މާލެ ދިޔަ މީހާގެ ކިބައިން ކަން ގަބޫލު ނުކުރެވޭ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ބަލި ފެތުރިފައިވާ ކަމަށް ބެލެވެނީ އެއަށްވުރެ ކުރިން ކަމަށާއި، އެއީ މިމަހު ކުރީކޮޅު ގއ ދެއްވަދޫން ފެނުނު ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ލ. ގަން މޮނިޓަރިންގެ ހާލަތަށް ލުމުގެ ކުރިން އެރަށަށް ޒިޔާރަތް ކުރި ބައެއްގެ ފަރާތުން ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ކޮޅުފުއްޓަށް ބަލި އިމްޕޯޓް ވީ ލ. ގަމުން ކަމަށް ކައުންސިލުން ލަފާ ކުރާއިރު، ލ. ގަމުން މިކަން ދޮގު ކުރެއެވެ.

ގަމު ކައުންސިލުން ބުނަނީ، ދެއްވަދޫ ކޭސްތަކާ ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ލީ އިރު އެރަށުން 200 އަށްވުރެ ގިނަ ރެންޑަމް ސާމްޕަލްތައް ނަގާފައި ވާ ކަމަށެވެ. އެހެންކަމުން އެރަށުގައި ބަލި ނެތް ކަން ޔަގީން ކުރެވޭ ކަމަށާއި، އެ ރަށުގައި ބަލި ނެތީސް، އެހެން ރަށަކަށް އެރަށުން ބަލި ދާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މިކަމާ އެޗްޕީއޭއިން ބުނަނީ ކޮޅުފުށި މޮނިޓަރިން އަށް ލީ އެރަށުން މީހަކު ކޮވިޑަށް ޕޮޒިޓިވް ވީމައި ކަމަށެވެ. އަދި އެއީ އެރަށުގައި ހުރެފައި މާލެ އައި މީހެއްތޯ ނޫންތޯ އިތުރަށް ޔަގީން ކުރުމަށްފަހު ފަހުން ޖަވާބު ދޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ. މިކަން އެޗްޕީއޭއިން އިތުރަށް ސާފު ކޮށްދީފައި ނުވާއިރު، އެ އެޖެންސީން ވަނީ މިމަހު 5 ވަނަ ދުވަހުގެ ފަހުން ކޮޅުފުށިން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރު ކޮށްފައިވާ މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް އެންގުމަށް އަންގާފައެވެ. އަދި މި މުއްދަތުގައި ކޮޅުފުށިން މާލެއަށް ދަތުރު ކޮށްފައިވާ މީހުން 1676 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެޗްޕީއޭއިން ވަނީ، މި މަހު 5 ވަނަ ދުވަހުގެ ފަހުން ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަނުވާ މީހުން، 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނު ވެ، ކަރަންޓީނު ނިމުމަށްފަހު ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް އަންގާފައެވެ. އަދި ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަވެފައިވާ މީހުން ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭއިން އަންގާފައި ވެއެވެ.

ކޮޅުފުށީގައި ކޮވިޑް ފެތުރުނު ގޮތާމެދު އެކި ފަހަރު ކިޔާ ލަވަ ތަފާތު އިރު، ޔަގީން ވާ އެއް ކަމަކީ އެ ރަށަށް ބަލި ފެތުރޭނީ ކޮންމެވެސް ގޮތަކަށް އެރަށަށް ބަލި އެތެރެވީމައި ކަމެވެ. ބަލި އެތެރެވީ ހޯމް ކަރަންޓީނަށް ދިޔަ މީހާގެ ފަރާތުން ކަމަށް ބެލޭނެ ޖާގަ އެބަ އޮތެވެ.

ނަމަވެސް އޭނާގެ ސާމްޕަލް ނަތީޖާ ނެގެޓިވް އިރު އޭނާގެ ފަރާތުން ބަލި ފެތުރެންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟ އަނެއްކާ މިއީ ވެސް "އޮޅުމަކުން" ނުބައި ނަތީޖާ ފޮނުވިގެން އުފެދުނު ކްލަސްޓާއެއް ބާއެވެ؟ ނުވަތަ ޕޮޒިޓިވް ނެގެޓިވް "ފޯލްސް ރިޒަލްޓެއް" ބާއެވެ؟ ނޫނީ މިއީ ބައެއްގެ ބޮޑު އިހުމާލެއް ފޮރުވަން ކުޅޭ ކުޅިވަރެއް ބާއެވެ؟