އަނަންތަރާ ކިހާވަށް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތް މީހަކަށް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދޭން ފަށާފިއެވެ.
ބ.އަތޮޅު ހޮސްޕިޓަލުން ބުނީ ބ. އަތޮޅުގައި އޮންނަ އަނަންތަރާ ކިހަވައް ވިލާސް ރިސޯޓުން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާ 7 މީހަކަށް އެ ހޮސްޕިޓަލުގައި ގާއިމް ކޮށްފައިވާ ޒޯން ބީ ރީޖަނަލް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދޭން ފަށާފައިވާ ކަމަށެވެ.
އެމީހުންގެ ތެރޭގައި 4 ދިވެހިންނާއި 3 ބިދޭސީން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
އަނަންރަތާ ރިސޯޓުން ކުރިން ފެނުނު ކޭސްތަކަކާ ގުޅިގެން އެ ރިސޯޓުން ނެގި ރެންޑަމް ސާމްޕަލްގެ ނަތީޖާތައް ލިބުނު އިރު މިދިޔަ އާދިއްތަ ދުވަހު 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
މީގެ ކުރިން އެ ރިސޯޓުން 17 ކޭސް ފެނިފައި ވާއިރު، އޭގެ ތެރެއިން 14 މީހަކު ޕޮޒިޓިވް ވެފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރުންނެވެ. މިރިސޯޓުން މިހާތަނަށް 31 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
މިއަދު ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 145 އަށް އަރާފައެވެ. މިއީ މި މަހު އެންމެ ގިނަ މިހުން ކޮވިޑަށް ޕޮޒިޓިވް ވި ދުވަހެވެ.