ސްކޫލް ބަންދު ތެރޭ މ. ކޮޅުފުއްޓަށް ދަތުރު ކުރި މީހުންގެ ތެރެއިން އެނބުރި އެހެން ރަށްރަށަށް މި މަހުގެ 5 ގެ ފަހުން ދިޔަ މީހުންގެ ތެރޭގައި ތިބި ސްކޫލް ދަރިވަރުންނާއި ޓީޗަރުން ކަރަންޓީން ވާން ޖެހޭނެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މި މަހުގެ 5 ވަނަ ދުވަހުގެ ފަހުން މ. ކޮޅުފުށިން އަތޮޅު ތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައި ވާ މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް / ހެލްތު ސެންޓަރަށް އެންގުމަށެވެ. އެގޮތުން މ. ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަވިޔަސް އަދި ނުވިޔަސް ކޮވިޑް-19 އަށް ޓެސްޓުކޮށް 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ. އަދި ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ހަމައެއާއެކު މި މަހުގެ 5 ވަނަ ދުވަހުގެ ފަހުން މ. ކޮޅުފުށިން މާލެއަށް ދަތުރު ކޮށްފައި ވާ މީހުން 1676 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ސްކޫލް ބަންދުކޮށްފައި އޮތުމަށް ފަހު މި އަހަރު ސްކޫލަތައް ހުޅުވައި ކިޔަވައިދޭން ފަށަފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ސްކޫލް ހުޅުވެން ގާތްވެފައި އޮއްވާ ރަށްރަށުގައި ތިބި ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ޓީޗަރުން ވަނީ އެނބުރި ސްކޫލަށް ދިއުމަށް ރަށްރަށަށް ގޮސްފައެވެ.
ކޮލޫފުށިން އެ މުއްދަތުގައި އައި މީހުން ކަރަންޓީން ވާން އަންގާފައި ވަނީ އެ ރަށުން މި މަހުގެ 19 ވަނަ ދުވަހު މާލެއަށް އައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ރަށް މޮނިޓަރިން އަށް ބަދަލު ކުރުމުންނެވެ. އެއަށްފަހު އެ ރަށުން ނެގި ރެންޑަމް ސާމްޕަލް ތަކުން މިއަދު 9 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލުން ބުނީ، މިއަދު 9 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހައި ރިސްކް ދެ އަންހެނަކާއި ދެ ކުޑަކުއްޖަކު ހިމެނޭ ކަމަށެވެ. އެ ގޮތުން 1 އަހަރުގެ ކުއްޖަކާއި 9 އަހަރުގެ ކުއްޖެއް ހިމެނޭ ކަމަށް ކައުންސިލުން ބުނެއެވެ.
މި ކޭސްތަކާ ގުޅިގެން މިހާރު އެ ރަށުގެ 9 ގެއެއް ވަނީ މޮނިޓަރިންގައި ކަމަށް ވެސް މައުލޫމާތު ދެއެވެ. އަދި މާލެއަށް އައި މީހާގެ ކޮންޓެކްޓުންގެ ގޮތުގައި 50 މީހެއް ދެނެގަނެވިފައި ވާ ކަމަށް ވެސް އެ ރަށު ކައުންސިލުން ބުނެއެވެ.
ކޮޅުފުށީ މޮނިޓަރިންއަށް ލާފައިވާ އިރު އއ. ތޮއްޑޫން ވެސް ވަނީ މޮނިޓަރިންއަށް ލާފައެވެ. އެއީ ވެސް އެރަށުން މާލެއަށް އައި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އަދި އެ ރަށުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދާއިރު އެއްވެސް ޕޮޒިޓިވް ނަތީޖާއެއް ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.