ކޮވިޑް ބަލިމަޑުކަން ފެތުރުމާ ގުޅިގެން މިދިޔަ އަހަރު ފަސްކުރި އޯ ލެވެލް އިމްތިހާނާ ގުޅޭ މުހިންމު ތާރީހުތަކެއް އެޑިއުކޭޝަން މިނިސްޓްރީން އާންމު ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިމްތިހާނާއި ގުޅިގެން ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި އިމްތިހާން ހަދަން ބޭނުންވާ ސެންޓަރު ބަދަލު ކުރުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާނެ ކަމަށް ވެސް އެޑިއުލޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.
ކޮވިޑް-19އާ ގުޅިގެން ފަސްކުރި އޯ ލެވެލް އިމްތިހާނާއި އޭލެވެލް އިމްތިހާން މި އަހަރު މޭ އަދި ޖޫން މަހު ބާއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. އެޑިއުކޭޝަން އިން މިހެން ބުނެފައި ވަނީ މި އިމްތިހާންތައް އިނގިރޭސި ވިލާތުގައި މިއަހަރު މޭ/ޖޫންގައި ނުބާއްވާނެ ކަމަށް ބުނެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން އިން ބުނެފައި ވަނީ 2021 ވަނަ އަހަރު މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އަދި އެޑެކްސެލް ގެ އިމްތިހާނުތައް ތާވަލުކޮށްފައިވާ ގޮތަށް ދިވެހިރާއްޖޭގައި ކުރިޔަށް ގެންދާނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މި އިމްތިހާންތައް މިދިޔަ އަހަރު ނުބާއްވާ ފަސްކޮށްފައި ވާއިރު، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލާފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ޓެލިކިލާސް މެދުވެރިކޮށާއި އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ.
2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން މިހިނގާ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ފަށާފައިވާ އިރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ސްކޫލުތަކަށް ކުދިން ގެންގޮސްގެން ކިޔަވާދޭން މިހާރު ވަނީ ފަށާފައެވެ. ބައެއް ސްކޫލުތަކުން ހަފްތާގެ އެކި ދުވަސް ދުވަހަށް ބަހާލައިގެން ކުދިން ސްކޫލަށް ގެންނައުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ އިރު ކޮވިޑްގެ ހާލަތުގައި ކުދިން ސްކޫލަށް ގެނެސްގެން ކިޔަވާދިނުމަށް ސްކޫލުތަކުން އަމަލުކުރަން ޖެހޭ ގައިޑްލައިނެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
ސްކޫލުގެ މާހައުލަކީ ކުދިންނާއި މުދައްރިސުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް މިނިސްޓްރީން ވަނީ ސްކޫލުތަކަށް އަންގާފައެވެ.