ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތުގައި ތިމަރަފުށިން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މިދިޔަ ނޮވެމްބަރުމަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދޯންޏަކާއި، 16 ގެއެއް ބަލާފާސްކޮށް، ހައްޔަރު ކުރީ ޖުމްލަ 8 މީހެކެވެ. އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ސީރިއަސް ތުހުމަތު ތަކެއް ކޮށްފައި ވާއިރު، އޭގެ ތެރޭގައި ހަރުކަށި ފިކުރު ފަތުރަން އުޅުމާއި، އައިއެސް ޖަމާއަތާ ގުޅިގެން ޓެރަރިޒަމް ހަމަލާ ދޭން އުޅުމާއި އަދި އެފަދަ އަމަލުތަކަށް ފަންޑު ކުރުމުގެ ތުހުމަތު ވެސް ހިމެނެއެވެ. އެމީހުން ވަނީ ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ތަމްރީނު ހެދުމާއި، ތިމަރަފުށީ ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގުމާއި، ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ފަދަ ކަންކަން ވެސް ކޮށްފައެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހުންގެ ފޮޓޯއާއި ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ.
- އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި / ފެހިވިދުވަރުގެ، (34 އަހަރު)
- އަހްސަން މުހައްމަދު، ތ. ތިމަރަފުށި / އަސްރަފީވިލާ (32 އަހަރު)
- އަލީ މުނީޒް، ތ. ތިމަރަފުށި / ކެނެރީގެ (28 އަހަރު)
- މުހައްމަދު އާސިރު، ތ. ތިމަރަފުށި / އަސުރުމާގެ (34 އަހަރު)
- އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ / ފެހިވިލާ (18 އަހަރު)
- ޝަމާޚު ޝަރީފް، ތ. ތިމަރަފުށި / ސައިމާ (20 އަހަރު)
- އިބްރާހިމް ލޫތު، ނ. ކުޑަފަރި / ރޯޒްމީޑު (21 އަހަރު)
- އަބްދުﷲ އިމާދު، ރ. މަޑުއްވަރީ / ބީޗް ހައުސް (29 އަހަރު)
އުޅުނީ ބޮމެއް ހަދަން
ނޮވެމްބަރު މަހު ފުލުހުންގެ އޮޕަރޭޝަން ހިންގާފައި ވަނީ ނަސާހް-3 ކިޔާ ހުއިފިލަނޑާ ނަގާ ދޯނީގައި އައިއީޑީއެއް ތައްޔާރު ކުރުމަށް ބޭނުންވާ އާލާތްތައް އެއްކޮށް، އެދޯނީގައި އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެންނެވެ. އަދި އެ ދޯނިން ހައްޔަރުކުރި މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސާޗް ކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުންވެސް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ނޮވެމްބަރު 11، 2020 ވަނަ ދުވަހު ނަސާހް-3 ދޯނި ބަލައި ފާސްކުރި އިރު އައިއީޑީއެއް ތައްޔާރު ކުރުމަށް ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ ބައެއް އާލާތްތައް އެ ދޯނިން ފެނިފައިވެއެވެ. އަދި ދޯނި އަޅާފައި އޮތް ސަރަހައްދުން މޫދުއަޑި ބަލައި ފާސްކުރި އިރު 10 މީޓަރު އަޑިން، ބަޑިބޭސް އެކުލެވޭ ކަމަށް ބެލެވޭ ކާޓްރިޖްތަކެއް ފެނިފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ބަލައިފާސް ކުރި ގެއަކުން، އައިއީޑީއެއް ތައްޔާރު ކުރަން ބޭނުން ކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާ ތަކެތި ތައްޔާރު ކުރުމާ ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފެނިފައިވެއެވެ.
ހަމައެއާއެކު މި މައްސަލާގައި ތުހުމަތު ކުރެވިގެން ހައްޔަރުކުރި މީހަކު އެކްސްޕްލޯސިވްއެއް ތައްޔާރު ކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ތަހުގީގުގެ އަލީގައި ބުނެފައެވެ. އަދި މި މައްސަލާގައި ހައްޔަރު ކުރި މީހުން އުޅުނީ އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ކަމަށާއި، ހަމަލާދޭން ގަސްދު ކޮށްފައިވާ ބައެއް ތަންތަން ފާހަގަ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަމީރަކީ އަބްދުﷲ ޝަރީފް
މި އޮޕަރޭޝަން ހިންގުމުގެ އަނެއް ސަބަބެއް ކަމަށް ފުލުހުން ބުނެފައި ވަނީ. ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ދޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި / ފެހިވިދުވަރުގެ، އައްޔަން ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުމެވެ. ފުލުހުން ވަނީ މި މައްސަލާގައި ހައްޔަރު ކުރި މީހެއްގެ ފޯނުން، އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ދޮރާސަން ޕްރޮވިންސް ގެ ފަރާތުން އަމީރެއްގެ ގޮތުގައި އަބްދުﷲ ޝަރީފް އައްޔަން ކޮށްފައިވާ ކަމާ ގުޅޭ ލިޔުމެއް ހޯދާފައެވެ.
ހަމަލާތައް ރޭވީ، އައިއެސް އިން ދިން ހިތާބަކާ ގުޅިގެން
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެޖަމާއަތުގައި ހަރަކާތްތެރި ވަމުންދާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ޓެލެގްރާމްގެ އެކި ޗެނަލްތަކުގައި ފަންޑް ރެއިސްކުރުމުގެ އެކި ހަރަކާތްތައް ހިންގާފައިވާ ކަމަށެވެ. އަދި އެކި ފަރާތްތައް މެދުވެރިކޮށް ސީރިޔާއަށް ފައިސާ ފޮނުވާ، ރާއްޖޭގައި ލިބެންހުރި ގަސްކާނާއިން އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް ހަމަލާއެއް ދިނުމުގެ ޝައުގު ވެރިކަން ފާޅު ކޮށްފައިވެއެވެ. އަދި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ހިއްވަރު ލިބިގަތީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް މުހާތަބުކޮށް ދީފައިވާ މެސެޖަކާ ގުޅިގެންނެވެ.
އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން ދީފައިވާ މެސެޖުގައި ބުނަނީ ޖިހާދުގެ މައިދާންތަކަށް ތިބާއަށް ދަތުރު ނުކުރެވިއްޖެނަ މަދެން ސަލީބީ ދައުލަތްތަކުގެ ރައްޔިތުން ވަނީ ތިޔަބައި މީހުންގެ ކުރިމަތީގައި ކަމަށެވެ. އެހެންކަމުން އެބައިމީހުން ގަތުލު ކުރުމަށާއި، ޗިސްޗިސް ކޮށްލުމާއި، އަންދާލުން އަދި ދަންޖެއްސުމުގައި މަތިވެރިވެގެންވާ ﷲގެ ހަޟްރަތުން ވާގިއެދުމާށް ބުނެފައި ވެއެވެ. އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ތަރުޖަމާނުގެ މި ހިތާބާ ގުޅިގެން، ރާއްޖޭގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދު ކުރާ ފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ގޮސްފައިވެއެވެ.
އެގޮތުން ފުލުހުން ބުނީ ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ލެބޯޓްރީ ގޮއްވާލަން އުޅުނު ކަމަށާއި 2020 ވަނަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވި ކަމަށެވެ. އަދި، އެ ދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާ ކުރާ ގުދަން ފަޅާލާފައި ވާކަން ތަހުގީގަށް ފާހަގަ ކުރެވިފައި ވާ ކަމަށެވެ.
ޓާގެޓު ކުރަނީ 14 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން
ހަރުކަށި ފިކުރު ގަބޫލުކޮށް އެ ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން އަމާޒު ކުރަނީ ކުޑަކުދިންނަށާއި، ދަތިހާލުގައި އުޅޭ މީހުންނަށާއި، ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނެވެ. ފުރަތަމަ މަރުހަލާގައި ދީނީ އަޅުކަންތައް އާންމު އުސޫލުން ކުރުމަށް ބާރު އަޅައި ވާހަކަ ދައްކައި ދީނީ ކަންކަމަށް ޝައުގުވެރި ކުރުވައެވެ. ނަމާދު ކުރަން ދިއުމަށް ބާރުއަޅައި، އެފަދައިން ނަމާދުކުރަން ދާންފެށުމުން މިސްކިތުގެ ޖަމާއަތަށް އަރަން ނުޖެހޭނެ ކަމަށާއި، ސަރުކާރުން ކަނޑައަޅާ އިމާމުންގެ ފަހަތުގައި ނަމާދު ކުރުން ހުއްދަ ނުވާނެ ކަމަށް ބުނެއެވެ. އަދި ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރުވުމަށް ބާރު އަޅައެވެ.
މިފަދަ މީހުން ދަނީ ދީނީގޮތުން ހިލާފު އުފެދޭ އެކި ބާވަތުގެ ވީޑިއޯތައް ދައްކައި، ހަރުކަށި ފިކުރާ ގުޅުން ހުރި ޕްރިންޓް ކޮށްފައިވާ އެކި ފޮތްތައް އެ ފަރާތްތަކާ ހަވާލުކޮށް އެ ފޮތްތައް ކިޔުމަށް ބާރުއަޅަމުންނެވެ. އަދި ހަރުކަށި ފިކުރުގެ ފަރާތްތަކުން ކުރިއަށް ގެންދާ ދަރުސްތަކާއި، ކްލާސްތަކުގައި ބައިވެރިވުމަށް ބާރު އަޅައެވެ.ހަމައެއާއެކު މައިންބަފައިންގެ ބަސް ކޮންމެހެން ގަބޫލު ކުރަން ނުޖެހޭ ކަމަށް ބުނެ އެފިކުރު ގަބޫލުކުރާ މީހުން އެއީ އަހުން ކަމަށް ދައްކައެވެ.
އަދި ހަރުކަށި ފިކުރުގެ މީހުން ފިޔަވައި އެހެން މީހުންނަކީ އިސްލާމްދީނުގައި ބަލައިގަންނަ ބައެއް ނޫން ކަމަށް ބުނެ އެމީހުންނާ ދުރު ކުރުވައެވެ. މިފަދައިން ހައްލުވާލެވޭ ކުދިންނަށް އެކި ގޮތްގޮތުން ފައިސާ ނުވަތަ ތަކެތި ދީގެން އެހީތެރި ވެދީ، އެ ކުދިންގެ ހިތް އަނބުރާލުމަށް މަސައްކަތް ކުރެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހަރުކަށި ފިކުރުގެ ހުރިހާ އަމަލުތަކަށް ތާއީދުކޮށް، ސުވަރުގެ ދިއުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ޖިހާދު ކުރުން ކަމަށް ދައްކުވައިގެން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރުމަށް އެމީހުންނަށް ބާރުއަޅައެވެ.
ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމުގެ ސަބަބުން ދަރިން މައިންބަފައިންނާ ވަކިވެ، ވަކިން އުޅެން ފަށައި، ބައެއް ފަހަރު މައިންބަފައިން ކާފަރުކޮށް، މައިންބަފައިން ގަތުލުކުރަން ޖެހޭކަމަށް ދެކެއެވެ. އަދި އަހުންގެ ގޮތުގައި ދައްކައި ދީފައިވާ ފަރާތްތަކަކީ ރަށުގެ އާންމު އެހެން މީހުންނަށް ވުރެ މުހިއްމު ބައެއް ކަމަށް ދެކެން ފަށައި، އާންމުންނާ އޮންނަ ގުޅުން ކުޑަވެގެން ގޮސްފައިވާ ކަން ފުުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައި ވެއެވެ.
ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން އެރަށުގައި އުޅޭ އުމުރުން 14 އަހަރާއި 18 އަހަރުގެ ކުޑަކުދިންނަށް އެޕްރޯޗްކޮށް އެކުދިން ހަރުކަށި ފިކުރުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރެއެވެ. އަދި އެރަށުގެ އާންމު ރައްޔިތުންނަށް އެމީހުންގެ ސަބަބުން އެކި ކަހަލަ ގޯނާތައް ކުރިމަތިވެ، ބިރުވެރިކަން އުފެދި މުޖުތަމައުގެ ތެރޭގައި ވަނީ ބައިބައިވުން އުފެދިފައެވެ.
ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގުސަދަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި، އެފަރާތްތައް ލައްވައި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުން ކަމަށް ފުލުހުން، ތަހުގީގުގެ އަލީގައި ބުނެއެވެ.
ކުށުގެ ރިކޯޑް:
މި މައްސަލާގައި ހައްޔަރު ކުރި ބައެއް މީހުންގެ ކުށުގެ ރިކޯޑް ވެސް ފުލުހުން ވަނީ އާންމު ކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އަހްސަން މުހައްމަދަކީ ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ އަދި މީހަކަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީގެ ކުރިން ހައްޔަރު ކޮށްފައިވާ މީހެކެވެ. އަދި މި މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން އަލީ މުނީޒަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ އަދި މުދަލަށް ގެއްލުން ދިން ކަމަށް ތުހުމަތުކު ރެވޭ މައްސަލައެއްގައި މީގެކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ.