2019 ވަނަ އަހަރުގެ ފަހުކޮޅު، ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓް ކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ރާއްޖެ ގަޑިން މިއަދު ހެނދުނު 07:00 ގެ ނިޔަލަށް، 219 ގައުމަކާއި ސަރަހައްދަކުން 100280252 ޕޮޒިޓިވް ކޭސް ވަނީ ރެކޯޑް ކޮށްފައެވެ. 1 މިލިއަނަށް ވުރެ މަތިން ކޮވިޑް ކޭސްތައް ރެކޯޑް ކުރި ގައުމުތަކުގެ އަދަދު 18 އަށް އަރާފައި ވާއިރު، ބަލީގެ ނުރައްކާ އަދިވެސް އެންމެ ބޮޑީ އެމެރިކާގައެވެ.

މިހާތަނަށް އެންމެ ގިނަ ކޭސް ރެކޯޑް ކުރި ގައުމުތަށް

  1. އެމެރިކާ: 25861597 ޖުމުލަ ކޭސް | 431392 މަރުގެ ކޭސް
  2. އިންޑިއާ: 10677710 ޖުމުލަ ކޭސް | 153624 މަރުގެ ކޭސް
  3. ބްރެޒިލް: 8872964 ޖުމުލަ ކޭސް | 217712 މަރުގެ ކޭސް
  4. ރަޝިއާ: 3738690 ޖުމުލަ ކޭސް | 69918 މަރުގެ ކޭސް
  5. ޔޫކޭ: 3669658 ޖުމުލަ ކޭސް | 98531 މަރުގެ ކޭސް

ފާއިތުވީ 24 ގަޑިއިރަށް ބަލާއިރުވެސް އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭހާއި މަރުގެ ކޭސް ރެކޯޑް ކޮށްފައި ވަނީ އެމެރިކާއިންނެވެ. އެމެރިކާއިން އިއްޔެ 152244 ޕޮޒިޓިވް ކޭސް އަދި 1897 މަރުގެ ކޭސް ރެކޯޑް ކޮށްފައިވެއެވެ.

އޭޝިއާ ސަރަހައްދަށް ބަލާއިރު އިއްޔެ އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރީ އިންޑޮނޭޝިއާ (9994)، އިންޑިއާ (9036)، އިސްރާއީލު (8962)، އީރާން (6309)، ތުރުކީވިލާތް (5642)، ޖަޕާން (4152)، ޔޫއޭއީ (3591) އަދި މެލޭޝިއާ (3048) އިންނެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 25839847 ކޭހެއް ވަނީ ރެކޯޑް ކޮށްފައެވެ. މީގެ ތެރެއިން 110252 (0.4 ޕަސެންޓް) ޕޭޝަންޓުންނަކީ ސީރިއަސް ނުވަތަ ކުރިޓިކަލް ހާލުގައިވާ ޕޭޝަންޓުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަކި ގޮތަކަށް ނިމިފައިވާ ކޭސްތަކާ ބަލާއިރު، ޝިފާ ލިބި، ހޮސްޕިޓަލުތަކުން ދޫކޮށްލި ކޭހުގެ އަދަދަކީ 72289169 އެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދަކީ 2149387 އެވެ.

ކޮވިޑް-19އަށް ވަކި ފަރުވާއެއް އަދިވެސް ކަށަވަރުވެފައެއް ނުވެއެވެ. ބަލި ޖެހޭ މީހުންނަށް ފަރުވާ ކުރަނީ، ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. ނަމަވެސް، މި ބަލިން ދިފާއުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވަނީ ކެމްޕޭން ހަރަކާތްތައް ފަށާފައެވެ.