އުފެދޭ ކުނީގެ މިންވަރު މަދުކޮށް ކުނީގެ ގޮތުގައި ތަކެތި އުކާލާ އާދަތަކާ ދުރުހެލިވެ ތިމާވެއްޓާއި ރަހުމަތްތެރިވެ އާދަކާދަތައް އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ގޮވާލައްވައިފިއެވެ.
އެ ކަމަނާ މި ކަމަށް ގޮވައިލެއްވީ "ޕްރިވެންޝަން އޮފް މެރިން ލިޓާ އިން ދި ލަކްޝަދްވީޕް ސީ" ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ފައްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މެޑަމް ފަޒްނާ ވިދާޅުވީ ސާފުކުރުމުގެ ހަރަކާތްތަކަކީ ޕްލާސްޓިކާ ދެކޮޅަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި މިފަދަ ހަރަކާތްތަކުގެ ސަބަބުން އެ ކަމުގައި ހަރަކާތްތެރިވާ ދަރުމަވެރިންނަށް ޕްލާސްޓިކުން ވެއްޓަށް ލިބޭ ގެއްލުން ދެނެގަތުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ. އަދި ގޮނޑުދޮށް ފަދަ ތަންތަން ސާފުކުރުމާއި ޕްލާސްޓިކުން އުފައްދާ ތަކެތި ރީސައިކަލް ކުރުމުން ނުފުދޭކަމަށާއި މި ކަމުގައި އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
އޭގެ އިތުރުން މެޑަމް ފަޒްނާ ވަނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ބާވަތުގެ ޕްލާސްޓިކް ފުޅިއާއި ކޮތަޅު ފަދަ ތަކެތީގެ ބަދަލުގައި ތިމާވެއްޓާއި ރަހުމަތްތެރި ބާވަތްތައް އިސްކުރަން އެދިވަޑައި ގެންފައެވެ. އަދި އަންނައުނު ފަދަ ތަކެއްޗަކީ ވެސް އެއް ފަހަރު ބޭނުންކޮށްފައި އުކާލުމުގެ ބަދަލުގައި ބާ ނުވަތަ ހަލާކު ނުވާ ނަމަ އެހެން މީހަކަށް ވެސް އޭގެ ބޭނުން ހިފޭނެ ތަކެތި ކަމަށް ވިދާޅުވެ، އެފަދަ ތަކެތި ބޭނުންކުރުމުގެ އާދަތަކަށް ބާރުއެޅުމަށް އެ ކަމަނާ ގޮވާލެއްވިއެވެ.
ހަމައެހެންމެ އެ ކަމަނާ ވަނީ ތިމާވެއްޓަށް ލޯބިކުރާ މީހުންނާއި ކުދިން މުޅި މުޖުތަމައުގެ ލާބައަށްޓަކައި ސާފުކުރުމުގެ ޕްރޮގްރާމުތަކުގައި ބައިވެރިވުން މުހިންމު ކަން ފާހަގަކުރައްވާފައެވެ. އަދި އެ މީހަކީ ތަންތަނަށް ކުނިއަޅާ މީހަކު ކަމަށް ނުވި ނަމަވެސް އުކާލާފައި ހުންނަ ކުނި ނަގައި ސާފުކުރުމާއި އަދި ތިމާވެއްޓާ ރަހުމަތްތެރި ގޮތްތަކަށް ކަންކުރުމަށް ބާރުއެޅުމަކީ ކޮންމެ ފަރުދަކަށް ވެސް ކުރެވޭނެ އަދި އޭގެ ސަބަބުން މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ މުހިންމު މަސައްކަތެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރުމަށް ރާއްޖޭގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ އެކަމަނާ ވަނީ ޒިންމާދާރު ގޮތުގައި ކުނި މެނޭޖުކުރުމަށް ހައްލުތަކެއް ހޯދުމުގެ މަސައްކަތުގައި ކަމާބެހޭ ހުރިހާ ފަރާތްތަކުން އެ ކަމުގައި ބައިވެރިވުމަށް އެދިވަޑައި ގެންފައެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ބާވަތުގެ ޕްލާސްޓިކު ރާއްޖޭގައި ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭނަކީ ވެސް މި ގޮތަށް ކަމާގުޅޭ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާގެ ދަށުން ކުރެވުނު މަސައްކަތެއްކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭންގެ ދަށުން ޖޫން 1، 2010 ވަނަ ދުވަހުން ފެށިގެން ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުން ހުއްޓާލެވޭނެއެވެ.
މެޑަމް ފަޒްނާ ވިދާޅުވީ މި ޕްލޭންގެ ދަށުން ރާއްޖެ އެތެރެކުރުން މަނާކުރާ ތަކެތި މި ގަވާއިދުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ ކިތަންމެ ކުޑަ މިންވަރެއް އިތުރަށް އިންޕޯޓްކުރި ނަމަވެސް މި ގަވާއިދުގެ ހަގީގީ ބޭނުން ނުފުދޭނެ ކަމަށެވެ.
"ޕްރިވެންޝަން އޮފް މެރިން ލިޓާ އިން ދި ލަކްޝަދްވީޕް ސީ" ޕްރޮޖެކްޓަކީ ކަނޑުތަކަށް ކުނިއެޅުމުން ކަނޑުތައް ރައްކާތެރިކުރުމަށް އިންޑިއާ، ދިވެހިރާއްޖެ އަދި ސްރީލަންކާގެ ކަނޑުގެ އައްސޭރިފަށް ހިމެނޭގޮތަށް ހިންގޭ ޕްރޮޖެކްޓެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބައިވެރިވުމާއެކު މި ޕްރޮޖެކްޓް ރަސްމީގޮތުން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.