މުނިފޫހި ފިލުވުމުގެ ގޮތުން ގިނަ ބައެއްގެ މެދުގައި ބޮޑު ތަރުހީބެއް އޮންނަ "ޓިކްޓޮކް" ޕްލެޓްފޯމަށް ރައްޔިތުން މަޖިލިސް ވެސް ނިކުމެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރައިން ބުނީ، އެ އިދާރައިން ޓިކްޓޮކްގައި ރަސްމީ އެކައުންޓެއް ހުޅުވާފައިވާ ކަަމަށެވެ. އަދި މި އަހަރުގެ މަޖިލީހުގެ ޖަލްސާ ފަށާނީ އަންނަ މަހުގެ 4 ވަނަ ދުވަހުގައި ކަން އިއުލާން ކޮށް މިއަދު ޓިކްޓޮކްއަށް އެ އެކައުންޓުން ވަނީ ފުރަތަމަ ވީޑިއޯ އަޕްލޯޑް ކޮށްފައެވެ.

މި ވަގުތާ ހަމައަށް އެ އެކައުންޓް 117 މީހަކު ފޮލޯކޮށްފައިވާ އިރު މިއަދު ލީ ވީޑިއޯއަށް 98 މީހަކު ވަނީ ލައިކް ދީފައެވެ. މިއަދު ލީ ވީޑިއޯއަށް 9 މީހަކު ކޮމެންޓް ކޮށްފައިވާ އިރު ގިނައީ ފާޑުކިޔުންތައް އަމާޒުވެފައިވާ ކޮމެންޓްތަކެވެ.

ޓިކްޓޮކް އަކީ މިހާރު ގިނަ ބަޔަކު އެބައެއްގެ ހުނަރުތައް ދެއްކުމަށް އަމިއްްލައަށް ވީޑިއޯތައް ހަދާ ޕަބްލިޝް ކުރަމުން އަންނަ ޕްލެޓް ފޯމެކެވެ. އޭގައި ގިނަ ދިވެހިންނާއި އެކި ސިޔާސީ ބޭފުޅުންގެ ވިޑިއޯތައް އެޑިޓް ކޮށްގެން ބޭނުން ކޮށްފައިވެއެވެ. ސިޔާސީ ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ ބައެއް މެންބަރުންގެ ވީޑީއޯތައް ވެސް އެ ޕްލެތްފޯމުގައި ބޭނުން ކޮށްފައި ހުންނަ ތަން ފެނެއެވެ. އެ ގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަދަ ބޭފުޅުންގެ ވިޑީއޯތަކަކީ ވެސް ޓިކްޓޮކްގައި ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާ ވީޑިއޯތަކެވެ.

ޓިކްޓޮކްގައި ރައްޔިތުން މަޖިލީހުގެ އޮފިޝަލް އެކައުންޓެއް ހުޅުވާފައިވާ އިރު، މިއީ މި ޕްލެޓްފޯމުގައި ރާއްޖޭގެ އިސް އިދާރާއަކުން މިފަދަ އެކައުންޓެއް ހުޅުވި ފުރަތަމަ ފަހަރެވެ.