އަމީރު އަހުމަދު ޕްރީ ސްކޫލުގެ ޓީޗަރަކާއި ބެލެނިވެރިއެއް ޕޮޒިޓިވްވެ 4 ކްލާހެއް ކަރަންޓީން ކޮށްފިއެވެ.

އެ ސްކޫލުގެ މެނޭޖްމެންޓުން ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ބުނީ އެ ސްކޫލުގައި މަސައްކަތް ކުރާ ޝެޑޯ ޓީޗަރެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މި ޓީޗަރު މަސައްކަތް ކުރާ ކްލާސް އަދި އެ ކުލާހުގެ ދެން މަސައްކަތްކުރާ ޓީޗަރުންގެ ކްލާހާއެކު ޖުމްލަ ދެ ކްލާސް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން 2 ހަފްތާއަށް ކަރަންޓީނު ކުރުމަށް އެޗްޕީއޭ އަދި އެޑިއުކޭޝަން މިިނިސްޓްރީން އަންގާފައިވާ ކަމަށް އެ މެސެޖުގައި ވެއެވެ.

މީގެ އިތުރުން ދަރިވަރެއްގެ ބެލެނިވެރިއަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ދަރިވަރުގެ ޓީޗަރުން ކިޔަވާދޭ ދެ ކްލާސް ވެސް ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުން 2 ހަފްތާއަށް ކަރަންޓީނު ކުރުމަށް ނިންމާފައިވާ ކަމަށް އެ ސްކޫލުން ވަނީ ބުނެފައެވެ.

މިގޮތުން މި ހަތަރު ކްލާހުގެ ދަރިވަރުން 2 ހަފްތާއަށް ސްކޫލަށް ނުގެނައުމަށާއި އެ ދުވަސްތަކުގައި ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އެސްކޫލުން ބުނެއެވެ.

އެ މެސެޖުގައި އިތުރަށް ބުނީ ސްކޫލު މާހައުލަކީ ދަރިވަރުންނާއި މުދައްރިސުންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރުމަށްޓަކައި ސްކޫލުން އަދިވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ބެލެނިވެރިންނަށް އަރުވާ ކަމަށެވެ.

ރާއްޖޭގެ ސްކޫލުތަކުގައި 2020 ވަނަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާފައިވަނީ މިމަހު 10 ގައެވެ. ސްކޫލުތަކުން މިހާރު ޕޮޒިޓިވް ކޭސްތައް ފެންނަމުންދާއިރު މާލޭގެ ޖަމާލުއްދީނާއި މަޖީދިއްޔާ ސްކޫލުން ވެސް ވަނީ ކޮވިޑް ކޭސްތަކެއް ފެނިފައެވެ.