ހދ. ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުގައި ހިންދޫ ދީނުގެ ހަފްލާއެއް ފާހަގަކުރިކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިގެން ބަލަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ހިންދޫ ދީނުގެ ހަފްލާއެއް ފާހަގަކުރިކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއަށް މައްސަލައެއް ހުށަހަޅާފައި ވަނީ، އެ ސްކޫލުގައި ފާހަގަކުރި ހަފްލާއެއްގެ ފޮޓޯތަކެއް އާންމުވުމާއި ގުޅިގެންނެވެ. އާންމުވި ފޮޓޯތަކުން ދައްކަނީ އިންޑިއާގެ އެކިކަހަލަ ފެސްޓިވަލްތަކުގައި ކުލަ ބޭނުންކޮށްގެން ހަދާ "ރަންގޯލީ" އެއް ހަދާފައި ހުރި މަންޒަރެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސްކޫލެއްގައި ހިންދީ ދީނުގެ ދީނީ ހަފްލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ބަލަންފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އަމީރު އަމީން ސްކޫލާއި ވާހަކަ ދައްކަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުުރު އެއްޗެއް ބުނަން އެނގޭނީ އެ މައްސަލަ އިތުރަށް ބެލުމަަށްފަހު ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި މައްސަލައިގައި ކުޅުދުއްފުށީ ކައުންސިލުން ބުނީ ހިންދޫ ދީންގެ ހަރަކާތެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ ތަކަކީ މިދިޔަ ހުކުރު ދުވަހު އަމީރު އަމީން ސްކޫލުގައި އެ ސްކޫލުގެ ޓީޗަރުން ކުރިއަށް ގެންދިޔަ ގެޓް ޓުގެދާއެއް ކަަމަށެވެ. އަދި އެ ހަފްލާގައި ދީނާ ހިލާފު އެއްވެސް ހަރަކާތެއް ހިންގާފައި ނުވާކަމަށް ކައުންސިލުން ބުނެއެވެ.

އަދި އެ ހަފްލާގެ ތެރެއިން އެހެން ދީންތަކުގެ ރަމްޒުތައް ފެންނަ ފޮޓޯތައް އާންމުވުމާއި ގުޅިގެން އެ މައްސަލަ ބަލަން ސްކޫލުގެ ޕްރިންސިޕަލަށް އަންގާފައިވާނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ. އެ އިދާރާއިން ބުނެފައިވަނީ ދީނާ ހިލާފް އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށާއި، ސްކޫލާ ބެހޭގޮތުން އެކިއެކި ފަރާތްތަކުން މީޑިއާގައި ދައްކަމުން ގެންދާ ވާހަކަތަކަކީ އެއްވެސް ހާލެއްގައި އެކަމުގައި ތެދު އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.