ރާއްޖެ އެތެރެކުރި 61 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި މއ. ބޮއިލިންގްފިޝް، އަހުމަދު ވިސާމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު، ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ޕީޖީއިން ބުނީ އިރުއަލިމަސް ނަމަކަށް ކިޔާ ދޯންޏެއްގައި ބަރުދަނުގައި ގާތްގަނޑަކަށް 61 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްހުރި މއ. ބޮއިލިންފިޝް، އަޙްމަދު ވިސާމް ބަންދުން ދޫކޮށްލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ހައްޔަރުކުރި 11 މީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ މީހުންނެވެ. އޭގެތެރޭގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ޓްރެފިކް ކުރުމުގެ ކުށާއި، ފޭރުމާއި، ހެކި ނައްތާލަން އުޅުމާއި، ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ހިމެނޭ ކަމަށެވެ.

ފުލުހުން އެމީހުން އަތުލި އިރު، އެ މީހުން މަސްތުވާތަކެތި ބަލައި ދިޔަ އިރުއަލިމަސް ދޯނީގެ އިތުރުން މާލެ އާއި ހުޅުމާލެއިން ހަތަރު ގެއެއް ބަލައި ފާސްކުރިއެވެ. އަދި ހައްޔަރު ކުރި 11 މީހުންގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރު ކުރި މީހުން ކަމަށް ވެސް އޭރު ފުލުހުން ބުންޏެވެ. އަނެއް ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ މާލެ އާއި ހުޅުމާލެއިންނެވެ.

ހައްޔަރު ކުރި މީހުން

  • އަހުމަދު ވިޝާމް/ ގ. ބޮއިލިންފިޝް
  • މުހައްމަދު ހަމީދު/ ގދ. ރަތަފަންދޫ، ގުލްދަސްތާގެ
  • މުހައްމަދު މާއިޝް/ މ. މާކޮޅު
  • މުހައްމަދު ޝާމިން/ މއ. ވިރާހު
  • އަހުމަދު ޝިފާޒް/ ހުޅުމާލޭ ފްލެޓް 06ޖީ4
  • އަބްދުﷲ ޝާމް/ މއ. ބޯޅަކިންކިރިމާގެ
  • ހުސައިން ސުނާޒް/ މ. މުލި، ސޯސަންވިލާ
  • ސައުދުﷲ ރަޝީދު/ މ.ކެޕްރިކޯން
  • މުހައްމަދު ނަޝީދު/ މ.މުލި، ހުދުފިނިފެންމާގެ
  • މުހައްމަދު މާއިދު/ މ. ކޮޅުފުށި، އޯޝަންވިއު
  • މުހައްމަދު ރިޟްވާން އިބްރާހިމް/ މ. މުލި، މުސްތަރީގެ

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، މާޗު 26، 2020 ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އަތުލައިގަނެވުނު މަސްތުވާތަކެތީގެ މޫނުމަތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.