އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރު ގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބޭއްވުމަށް މިއަދު ތާވަލް ކޮށްފައި ވަނީ މެންދުރުފަހު 1:30 ގަ އެވެ. އާތިފުގެ މައްޗަށް ކުރާ ދައުވާއަކީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުު ވުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އެފްއައިޔޫގެ އިސްވެރިޔާގެ މަަގާމުގައި ހުންނެވި އިރު، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑަރިން އަށް ޝައްކު ކުރެވޭ މުއާމަލާތެއް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުގެންނެވުމުންނެވެ.

އެފްއައިޔޫން ތައްޔާރު ކޮށްފައި ވާ އެނަލިސިސް ރިޕޯޓުގައި ވާގޮތުން، ތުހުމަތު ކުރެވޭ ކުންފުންޏަށް 31 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށް، ޖުމްލަ 8 ޓްރާންސެކްޝަނެއް މެދުވެރިކޮށް ތުހުމަތު ކުރެވޭ ކުންފުނިން 47 މިލިއަން ރުފިޔާ އެ ކުންފުނީގެ ބޭންކް އެކައުންޓްތަކުން ނަގާފައި ވެއެވެ. އަދި މިފަދަ ވިޔަފާރީގެ މުއާމަލާތްތައް ހިންގޭ ވަރުގެ ގާބިލުކަން ނެތްކަން އެ ކުންފުނީގެ ޓެކްސް ފައިލިން އަދި އެނުއަލް ރިޕޯޓްތަކުން އެނގޭކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުގެ ތަހުގީގުގައި އާތިފް އިއުތިރާފުވެ ވަޑައިގެންފައި ވަނީ އެ ރިޕޯޓު އެނަލައިޒް ކުރަމުން ދިޔައިރުވެސް، އެސްއޯއެފްގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކަކީ މަނީ ލޯންޑަރިންކަން އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ރިޕޯޓު ތަހުގީގު އިދާރާއަކަށް ނުފޮނުވަން ނިންމަވައި ފައިލް ކުރެއްވި އިރުވެސް، އެގޮތަށް ނިންމެވީ އެއީ ތަހުގީގު ކުރަން ފޮނުވަން ޖެހޭ ރިޕޯޓެއްކަން އެނގިވަޑައިގެން ހުންނަވާ ކަމަށް އާތިފު އޭސީސީގެ ތަހުގީގުގައި ވިދާޅުވެފައި ވާކަމަށް އޭސީސީ ބުނެއެވެ.

އެ މައްސަލައިގައި އެނަލިސިސް ރިޕޯޓު ތައްޔާރު ކުރުމުގައި ބައިވެރިވި އެފްއައިޔޫގެ އޭރުގެ މެނޭޖަރު މަގާމުގެ ނުފޫޒު ބޭނުން ކުރައްވާފައި ވީ ނަމަވެސް، އެ އެނަލިސިސް ރިޕޯޓް ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމި ނިންމުގައި މެނޭޖަރު ބައިވެރިވެފައި ނުވާކަމަށް އޭސީސީން ބުނެއެވެ. އަދި އެ ރިޕޯޓްގައި މަނީ ލޯންޑަރިން އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައި ވާކަމަށް ބަޔާންކޮށްފައި ވީ ނަމަވެސް، އެ ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމާފައިވަނީ އޭރުގެ ގަވަރުނަރު އެގޮތަށް އަމަލުކުރުމަށް އަންގަވައި، އޭނާގެ ނުފޫޒު އޮވެގެންކަން ސާބިތު ކުރެވޭވަރުގެ ހެއްކެއްވެސް ކޮމިޝަން ލިބިފައި ނުވާ ކަމަށް ބުނެއެވެ.

އާތިފު އެފްއައިޔޫގައި މަސައްކަތް ކުރެއްވީ 2014 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން، 2015 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި 2015 ވަނަ އަހަރުގެ ޖޫން މަހު، އޭނާ އިސްތިއުފާ ދެއްވީ، އޭރު އެފްއައިޔޫގައި ހިނގަމުން ދިޔަ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވޭނެ ކަމުގެ ޔަގީން ކަން ލިބިވަޑައިގަތުމުން، އެފަދަ މަގާމެއްގައި ހުންނަވައިގެން، މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭނެތީ، އެފަދަ ވަޒީފާއަކުން މުސާރަ ނުނެންގެވުމަށް ކަމަށް "ދަޕްރެސް" އަށް މީގެކުރިން އާތިފް ވަނީ ވިދާޅުވެފައެވެ.

އާތިފް ވިދާޅުވީ، އޭނާ މަގާމު ފުރުއްވި ހަތް މަސް ދުވަހު އެފްއައިޔޫން ހިންގާފައިވާ އަމަލުތަކަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް މަނީ ލޯންޑަރިންގެ އަމަލުތައް ހިނގަމުން ދިޔަ ކަމަށާއި، އޭނާއަށް ފަހު އެފްއައިޔޫގެ ވެރިޔާގެ މަގާމު ފުރުއްވި ބޭފުޅުން ވެސް އެ ކަމުގެ ޒިންމާ އުފުއްލަވަން ޖެހި ވަޑައިގަންނަވާނެ ކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.