ގާތްގަނޑަކަށް 2 މަހެއްހާ ދުވަހުގެ މެދު ކެނޑުމަކަށް ފަހު، ނިއުޒީލަންޑްގައިވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ ކަމުގެ ކަންބޮޑުވުންތައް، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ފެންމަތިކޮށްފިއެވެ.

ބަޔާންވެދިޔަ ކޭސްތަކަކީ ކޮމިއުނިޓީ ސްޕްރެޑްގެ ގިންތިއަށް ފެތޭ ކޭސްތަކަކަށް ވެއްޖެނަމަ، މިއީ ނޮވެމްބަރު 18، 2020 ގެ ފަހުން ނިއުޒީލަންޑުން ކޮމިއުނިޓީ ޓްރާންސްމިޝަނެއް ހިނގި ފުރަތަމަ ފަހަރަށް ވާނެއެވެ.

ކޮވިޑް-19ގެ އިޖާބައަށް ނިއުޒީލަންޑުން ކަނޑައަޅާފައި ހުންނަވާ ވަޒީރު، ކްރިސް ހިޕްކިންސް ވިދާޅުވީ، އާދީއްތަ ދުވަހު ފާހަގަ ކުރެވުނު ކޭސް އަކީ، އުމުރުން 56 އަހަރުގެ އަންހެނެއް ކަމަށާ، އޭނާއަކީ ވިލާތަށް ދަތުރު ކުރުމަށްފަހު ދާދި ފަހުން އައިސޮލޭޝަން (ރާއްޖޭގައި ނަމަ ކަރަންޓީނު) ގައިވެސް ހުރި މީހެއް ކަމަށެވެ.

އިތުރު ތަފްސީލު ދެއްވަމުން ނިއުޒީލަންޑްގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު، ޑރ އޭޝްލީ ބްލީމްފީލްޑް ވިދާޅުވީ، މި މީހާ އަކީ މިދިޔަ އަހަރު، ސްޕެއިންއާއި ނެދަލަންޑްސްއަށް ދަތުރު ކުރި މީހެއް ކަމަށެވެ. ނެދަލަންޑްސްގައި އޭނާ ހުރި ދުވަސްވަރު އާއިލާ މެމްބަރުންގެ ހާލު ރަނގަޅު ކަމަށާ، ނަމަވެސް ފަހުން، 2 ވަރަކަށް މެމްބަރުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ.

ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން އައިސޮލޭޝަންގައި އިނދެގެން 2 ފަހަރެއްގެ މަތިން ހެދި ޓެސްޓުތަކުންވެސް އަންހެން މީހާގެ ނަތީޖާ ނެގެޓިވް ކަމަށް ޑރ ބްލޫމްފީލްޑް ވިދާޅުވިއެވެ. އެމީހާ ގެއަށް ދިޔައީ ޖެނުއަރީ 13 ވަނަ ދުވަހު ކަމަށާއި، އަލާމާތްތަކެއް ފެންނަން ފެށީ ޖެނުއަރީ 15 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ. އަދި ކޮވިޑަށް ޓެސްޓު ކުރީ އޭގެވެސް ފަހުން ކަމަށްވެއެވެ.

ބްލޫމްފީލްޑް ވިދާޅުވީ އައިސޮލޭޝަނުން އޭނާ ދޫކޮށްލި ފަހުން ނޯތުލޭންޑް ސަރަހައްދުގެ ދެކުނުގެ ހިސާބުތަކުގައި އޭނާގެ ފިރިމީހާއެކު ދަތުރު ކޮށްފައި ވާ ކަމަށެވެ. 5 ވަރަކަށް ދުވަހުގެ މުއްދަތުގެ ތެރޭގައި 30 ތަނަކަށް އޭނާ ގޮސްފައި ވާކަމަށް ހަބަރު ލިބެއެވެ. މިކަމާ ގުޅިގެން މިހާތަނަށް ހިންގި ތަފްސީލީ ތަހުގީގުތަކުން، ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި 4 މީހަކު ފާހަގަކޮށް، އެމީހުން އައިސޮލޭޓުކޮށް، ޓެސްޓު ކޮށްފައި ވާކަމަށްވެސް ޑރ ބްލޫމްފީލްޑް ވިދާޅުވިއެވެ.

ނިއުޒީލަންޑަކީ ކޮވިޑް-19އާ ދެކޮޅަށް ކާމީޔާބީތަކެއް ހޯދާފައިވާ ގައުމެކެވެ. އަދާ ޖެހުނުއިރު އެ ގައުމުން ފެނިފައި ވަނީ 2300 އަށް ވުރެ މަދު ކޭސްތަކެކެވެ. އަދި މި ބަލީގައި އެ ގައުމުން މަރުވެފައި ވަނީ 25 މީހުން ކަމަށް ހަބަރު ލިބެއެވެ.

ކޮމިއުނިޓީ ސްޕްރެޑެއް ކަމަށް ބެލެވެނީ، އިންފެކްޓްވި މީހެއްގެ ހަށިގަނޑަށް އެކަން ފޯރި ގޮތެއް ޓްރޭސް ނުކުރެވުމުންނެވެ.