ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވިތާ 3 މަސް ނުވަނީސް އާއިލާގެ އެހެން މެންބަރަކު މިއަދު ހަވީރު ނިޔާވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ނިޔާވެފައި ވަނީ ދ. މާއެނބޫދޫ / ބަނަފްސާގެ، އިބްރާހިމް މޫސާ (ދޮންކޮއްކޮ)އެވެ. އުމުރުން 86 އަހަރުގެ އޭނާ މިއަދު ހަވީރު ނިޔާވެފައި ވާއިރު ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައި ވަނީ އިއްޔެއެވެ.

އޭނާ މާލެ އައިސްފައި ވަނީ ޑައިލަސިސް ހެދުމަށް ކަމަށާއި ފަރުވާ ހޯދަމުން ދިޔައީ އައިޖީއެމްއެޗްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެއަށްފަހު އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

މިއަދު ނިޔާވެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނޭ، އާދަމް ޝަމީމްގެ މުނި ބޮޑުބޭބެއެވެ. މީގެ 3 މަސް ކުރިން ނިޔާވެފައި ވަނީ މާއެނބޫދޫ، އުމުރުން 60 އަހަރުގެ އާދަމް ނަސީރެވެ. އެއީ އާދަމް ޝަމީމްގެ ބޮޑުބޭބެއެވެ.

އާދަމް ޝަމީމް ކުރެއްވި ޓްވީޓްގެ ސްކްރީން ޝޮޓެއް

އެއް އާއިލާއެއްގެ އިތުރު މެންބަރަކު މިއަދު ކޮވިޑްގައި ނިޔާވެފައި ވާއިރު، އާދަމް ނަސީރު ނިޔާވުމުގައި ރިސޯޓުންނާއި ފުލުހުން އިހުމާލު ވެފައިވާ ކަމަށް އާއިލާއިން އޭރު ވަނީ ތުހުމަތު ކޮށްފައެވެ.

ނަސީރު ނިޔާވެފައި ވަނީ، ކަނޑިންމަ ރިސޯޓުގެ މެނޭޖްމަންޓުގެ ފަރުވާކުޑަ ކަމުންކަން އާއިލާއިން ތުހުމަތު ކުރާއިރު، އެ ތުހުމަތު ތަކަށް އިންސާފު ހޯދައި ދިނުމަށް ދައުލަތުގެ މުއައްސާސަތަކަށް ނަސީރު ބަލިވެ އުޅޭތީ އެކަން ރިސޯޓުގެ މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު އޭރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެ ރިސޯޓުގެ މުވައްޒަފުން ތަފާތު އެކި ގޮތްގޮތަށް މަސައްކަތް ކުރި ކަމަށާއި އެ މައްސަލައިގައި ރިސޯޓުން އިހުމާލު ވެފައި ވާކަން އޭނާއަށް ލިބިވަޑައިގެންފައި ވާ ހެކިތަކުން އެނގިވަޑައިގަންނަވާ ކަމަށް އާމިރު ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ އާދަމް ނަސީރުގެ ދޮށީ ދަރި ދ. އަތޮޅު ފުލުހުންނަށް ހުށަހެޅުމުންވެސް ފުރަތަމަ އަޅާނުލި ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އާދަމް ނަސީރާއެކު އެއްކޮޓަރިއެއްގައި ނިދަމުން ދިޔަ މީހުން، އޭނާ ވޭން އަޅަމުން ދާތީވެ، އެކަމުގެ ބިރުވެރިކަން އިހުސާސް ކުރެވިގެން އެ އަޑު ރިކޯޑުކޮށް، މެނޭޖަރަށް ފޮނުވުމުންވެސް އަޅާނުލިކަމުގެ މައުލޫމާތު ލިބުނު އެ އޯޑިއޯތަށްވެސް އަތުގައި އެބަހުރި، އަދި ދ. އަތޮޅު ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން އާދަމް ނަސީރުގެ ދޮށީ ދަރި ފުރަތަމަވެސް މާޔޫސްކޮށްލި. ތިގޮތަށް ތި މައްސަލަ ހުށަނޭޅޭނޭ ކިޔާ ޖަވާބުދީ، ފޮނު ކަނޑާލުމަށްފަހު އަނެއްކާ ފަހުން މެސެޖްކޮށްފައި އެންގީ ވެރިޔަކު ވިދާޅުވެއްޖެއޭ ތި މައްސަލަ ހުށައެޅޭނެއޭ ބަޔާނެއް ނަގާނަމޭ.
މެންބަރު އަހްމަދު އާމިރު

އާދަމް ނަސީރު ނިޔާވެފައި ވަނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހެވެ.

ނަސީރު ނިޔާވި މައްސަލާގައި އެ ރިސޯޓުގެ އިހުމާލު އޮތް ކަމަށް ބުނެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު، ވަނީ ފުލުހުންނަށްވެސް އޭރު އެ މައްސަލަ ހުށަހަޅުއްވާފައެވެ. އަދި އެޗްއާރްސީއެމުންވެސް އެ މައްސަލަ ތަހުގީގު ކުރިއެވެ.