ކ. ހިންމަފުށީ ފަޅު ތެރޭގައި އޮންނަ ފިނޮޅަކަށް ގެއްލުންދިން މައްސަލައިގައި ގިލިލަންކަން ފުށި ޖެނެރަލް މެނޭޖަރު ފުރުނަ މަނާ ކުރާ އަމުރެއް ނެރެފިއެވެ.
ގިލިލަންކަންފުށީގެ ޖެނެރަލް މެނޭޖަރަކީ ޑޭވިޑް ސްޓެޕޮޓިކް ނަމަކަށް ކިޔާ ބިދޭސީއެކެވެ.
ފުލުހުން ބުނީ، މިފިނޮޅުން ކޯރު ކެނދި މައްސަލައާ ގުޅިގެން ގިލިލަންކަން ފުށީ ރިސޯޓްގެ ޖެނެރަލް މެނޭޖަރު ފުރުން މަނާކުރުމުގެ އަމުރަކަށް ރޭގެ ވަގުތެއްގައި ފުލުހުން އެދިފައިވާ ކަމަށެވެ. އަދި ޖެނެރަލް މެނޭޖަރު ފުރުން މަނާކުރުމުގެ އަމުރު ލިބުމުން ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ވަނީ ހިއްސާ ކުރެވިފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ދަނީ ފުލުހުންނާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ ގުޅިގެން ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
ކ. ހިންމަފުށީ ފަޅު ތެރޭގައި އޮންނަ ފިނޮޅަކަށް ހަމަ އެ ފަޅު ތެރޭގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުން ގެއްލުންދިން މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅައިދިނުމަށް އެ ރަށު ކައުންސިލުން ވަނީ އެދިފައެވެ. އެ ކައުންސިލުން ބުނެފައި ވަނީ، ގިލިލަންކަންފުށިން އެ ފިނޮޅުގައި ކޯރު ކަނޑާފައި ވަނީ ކައުންސިލުގެ އެއްވެސް ބަހެއް ނެތި ކަމަށާއި އެ ފިނޮޅު ނައްތާލުމަށް ގިލިލަންކަންފުށީ ރިސޯޓުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެތަނުގައި ގިލިލަންކަންފުށީ ޖެނެރަލް މެނޭޖަރާއި އޭނާއާއެކު ދިޔަ ބަޔަކު ކޯރު ކަނޑާ ގެއްލުން ދޭން ފެށުމުން އެކަން ހުއްޓުވީ ހިންމަފުށީ ބަޔަކު އެތަނަށް ގޮސް ކަމަށް މައުލޫމާތު ލިބެއެވެ. އެ ފިނޮޅުން ކޯރު ކަނޑާފައި ވަނީ ފިނޮޅަށް މީހުން ގޮސް އުޅޭ މަންޒަރު ގިލިލަންކަންފުށީގެ ގެސްޓުންނަށް ފެންނާތީ ކަމަށް މައުލޫމާތު ލިބެއެވެ.