ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންނަށް 33 ޕަސެންޓު ގޮނޑި ހާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ނޫން ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ 2019 އަހަރެވެ. އެ މާއްދާ ބާތިލް ކޮށްދިނުމަށް އެދި އެކްޓިވިސްޓް އަދި ގާނޫނީ ވަކީލު މޫސާ އަންވަރު ހައި ކޯޓަށް ހުށަހެޅި މައްސަލަ ބެއްލެވުމަށްފަހު 5 ފަނޑިޔާރުންގެ ބެންޗުން ވަނީ ހުކުމް އިއްވާފައެވެ. 5 ފަނޑިޔާރުންގެ ބެންޗުން ނިންމީ އަންހެނުންނަށް 33 ޕަސެންޓު ގޮނޑި ހާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

ހުކުމް އިއްވަވަމުން، މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީން ހުއްދަކުރާ ތަފާތުކުރުންތަކެއްގެ މައްޗަށް ބިނާކޮށްގެން ގެނެސްފައިވާ އިސްލާހުތަކެއް ކަމަށެވެ. އެހެންކަމުން، އެ އިސްލާހުތަކަކީ ގާނޫނުއަސާސީއާ ތައާރުޒުވާ އިސްލާހުތަކެއް ނޫން ކަމަށް ކަނޑައަޅާ ކަމަށެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ މިގޮތަށް ކަނޑައެޅުމުގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަމަލު ކުރާނެ އުސޫލަކީ ގާނޫނުއަސާސީގައި ބަޔާން ކުރާ ގާނޫނުގެ މާނައިގެ ތެރޭގައި ހިމެނިގެންވާ ސައްހަ ބައިތަކެއް އަދި އުސޫލުތަކެއް ކަމަށެވެ.

އަންހެނުންނަށް ގޮނޑި ހާއްސަ ކުރުން ގާނޫނުއަސާސީއާ ހިލާފެއް ނޫން - މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗް

މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔާރު ނިޔާޒްގެ އިތުރުން ތިއްބަވަނީ ފަނޑިޔާރު ހުސައިިން ޝަހީދާއި، ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިިމެވެ.

ހައި ކޯޓުން މިފަދައިން ހުކުމް ކުރުމާއެކު، މި މައްސަލަ ހުށަހެޅުއްވި މޫސާ އަންވަރު ވަނީ މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.