ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް އިސްލާހު ގެނައުން ލަސްވުމަކީ ރާއްޖެއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންޑީއޭ އަށް އިސްލާހު ގެންނަން ޖެހިފައި ވާކަމީ ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ. އަދި މަސައްކަތް ފަސްވެ، ލަސްވެގެން ދިއުމަކީ މުޅި ރާއްޖެއަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެހެން ވިދާޅުވެފައި ވާއިރު އެންޑީއޭ ރަނގަޅަށް ހިންގަމުން ނުދާ ކަމަށާއި އެތަނުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ އިތުރުން އެންޑީއޭގެ ރިފޯމް ކުރުމަށް ކެމްޕޭނެއް ވެސް ދަނީ ކުރަމުންނެވެ.

ފަރުވާގެ ނިޒާމު ހަރުދަނާކޮށް އެންޑީއޭ ގެ ކަންކަން އިސްލާހު ކުރަން ގޮވާލާ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ވަނީ އެ އެޖެންސީ ކުރިމަތީގައި މުޒާހަރާ ވެސް ކޮށްފައެވެ.

މުޒާހަރާ ކުރި ސަރަހައްދުގައި މަސްތުވާތަކެއްޗާ ގުޅޭ އެކި ޝުއޫރު ފާޅުކޮށްފައި ހުރި ބޯޑުތަކާއި ޕޯސްޓަރުތައް ބަހާފައި ވާއިރު، އޭގައި ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާހަގަ ކޮށްފައި ވަނީ ފަރުވާގެ ނިޒާމުގެ ކަންކަން ކުރިއަށް ދާ "ދޯދިޔޯ" ގޮތްތަކެވެ.

މީގެ ނުވަ އަހަރު ކުރިން އުފެއްދި އެންޑީއޭ އަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ސިޔާސަތުތައް ތަންފީޒު ކުރާ އިދާރާއެވެ.