ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ 7 ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށާނީ ސިއްރުކޮށްގެން ކަމަށް އެ ކޯޓުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ކްރިމިނަލް ކޯޓުން ބުނީ، އެ ޝަރީއަތަށް އާންމު އުސޫލުން މީހުން ވެއްދުމުގެ ފުރުސަތު ނުދިނުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް، ޝަރީއަތް ނިމުމުން، ޝަރީއަތުގައި ހިނގި ކަންކަން ކޯޓުން މީޑިއާއާ ހިއްސާ ކުރާނެ ކަމަށް އެ ކޯޓުން ބުނެއެވެ.

މި ޝަރީއަތް ސިއްރު ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު، މި ޝަރީއަތް ލައިވް ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފައެވެ. މި ޝަރީއަތް ސިއްރުކޮށްފައި ވަނީ، މިއީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް ވާތީއެވެ. ޖިންސީ ކުށްތައް އަދި ކުޑަކުދިން ހިމެނޭ މައްސަލަތައް އަބަދުވެސް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ. އެއީ އެފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތުގެ ކަރާމާތް ރައްކާތެރި ކުރުމަށްޓަކައެވެ.

ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ މިއަދު މެންދުރު 1:30 އަށެވެ.

އަލީ ވަހީދަށް ކޮށްފައިވާ ދައުވާތަކަކީ:

  • ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.

އޭނާގެ މައްޗަށް މި ދައުވާތައް އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރައްވާފައިވާ ކަމުގެ ތުހުމަތު އެ މުވައްޒަފުން ކުރުމުންނެވެ. އެގޮތުން އެ މުވައްޒަފުން ވަނީ އަލީ ވަހީދުގެޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައެވެ.

މި ޝަކުވާތައް ރައީސް ސޯލިހަށް ހުށަހެޅުމާއެކު، އެމަނިކުފާނު ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދިނުމަށް އަންގަވާފައެވެ. ނަމަވެސް ރައީސް ސޯލިހްގެ އެންގެވުމަށް އިޖާބަ ދެއްވާފައި ނުވާތީ، ރައީސް ސޯލިހް ވަނީ އޭނާ މަގާމުން ވަކިކުރައްވާފައެވެ.