ހއ. ހޯރަފުށީ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފުގެ ސުލޫކީ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީން ބުނީ ހޯރަފުށީ އިސް މެޖިސްޓްރޭޓްގެ މައްސަލައެއް ބަލަން ފަށާފައިވަނީ ތަނާޒުލްވާން ޖެހޭ މައްސަލައަކުން ތަނާޒުލް ނުވެ އެ މައްސަލަ ހިންގައި ނިންމިކަމަށް ބުނާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ޖޭއެސްސީން ބުނީ ސުލޫކީ މައްސަލަ ބެލުމަށް މިތަހުގީގު ކޮމިޓީ އެކުލަވާލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ މި އަހަރުގެ ހަތަރު ވަނަ ބައްދަލުވުމުގައި ކަމަށެވެ.
ފަހަކަށް އައިސް ޖޭއެސްސީން އަންނަނީ މިފަދަ ގިނަ މައްސަލަތަކެއް ބަލަމުންނެވެ.
އެގޮތުން މިމަހުގެ ތެރޭގައި ވެސް 2 ގާޒީއެއްގެ ސުލޫކީ މައްސަލައަކާއި ސ. މަރަދޫފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަން ވަނީ ފަށާފައެވެ.
އޭގެ އިތުރުން މިދިޔަ މަހު ވެސް ޖޭއެސްސީން ވަނީ ފަސް ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައެވެ. އޭގެ ތެރޭގައި ބ. ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ނިޝާރާއި ގދ. މަޑަވެލި ކޯޓުގެ މެޖިސްޓްރޭޓު ޝާތިރު ހަސަން ހިމެނެއެވެ. އަދި ނ. ޅޮހީ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކު އާއި ގދ. ޖުޑިޝަލް ދާއިރާ ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި މެޖިސްޓްރޭޓް އިބްރާހިމް އިހްސާނުގެ މައްސަލައަކާއި އަދި ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲގެ މައްސަލައެއް ހިމެނެއެވެ.