މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 109 ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސު ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ފެށުނު ފަހުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޒިޔާފަރްކޮށްފައި ވަނީ 57،599 ފަތުރުވެރިންނެވެ. އޭގެތެރެއިން 0.19 ޕަސެންޓް ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ. ޕޮޒިޓިވްވި 109 ފަތުރުވެރިންގެ ތެރެއިން 17 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، މިވަގުތު ޕޮޒިޓިވް 92 މީހަކު އެބަ ތިއްބެވެ.
ރާއްޖެއަށް މި މަހު 57،599 ފަތުރުވެރިން އައިސްފައިވާ އިރު، އޭގެތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝީއާއިންނާއި އިންޑިއާ އަދި ޔޫކްރެއިން އިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
މިހާރު ރާއްޖޭގެ ގިނަ ރިސޯޓުތަކުން ކޮވިޑް ކޭސްތައް ފެންނަމުންދާ އިރު އޭގެތެރޭގައި ނިޔަމަ ޕްރައިވެޓް އައިލެންޑްސް މޯލްޑިވްސް ރިސޯޓާއި، ސަން ޝިޔާމް އޮޅުވެލި ރިސޯޓާއި، ބިޔާދޫ އައިލެންޑް ރިސޯޓުގެ އިތުރުން އޮބްލޫ ސަންގެލި ރިސޯޓް ހިމެނެއެވެ. މި ރިސޯޓްތަކުން ފެނިފައިވާ ކޭސްތަކުގައި ގިނައީ ސްޓާފުންކަން ފާހަގަ ކުރެވެއެވެ.
ސްޓާފުންގެ މެދުގައި ފެންނަ ޕޮޒިޓިވް ކޭސްތައް އިތުރުވުމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓާ އަލީ ރައްޒާން ވިދާޅުވީ، ރިސޯޓްތަކުގައި މިހާރު މުވައްޒަފުން ޕޮޒިޓިވްވަމުން ދަނީ ކަރަންޓީނަށް ދާ މުވައްޒަފުންގެ ފަރާތުން ކަމަށް ބެލެވޭ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ މުވައްޒަފުންގެ ތެރެއިން ފެންނަ ޕޮޒިޓިވް ކޭސްތަކާ ފަތުރުވެރިންނާ ގުޅުމެއް އޮތް ކަމަށް ނުފެންނަ ކަން ފާހަގަ ކުރައްވަމުންނެވެ. .
ރިސޯޓްތަކުގައި މުވައްޒަފުން ޕޮޒިޓިވް ވާ އަދަދު ގިނަވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ރައްޒާން ވަނީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފަތުރުވެރިންނާ ބައްދަލުވާއިރު، ނުވަތަ ޑިއުޓީގައި އުޅޭއިރު މުވައްޒަފުން ގައިިޑްލައިންތަކަށް ހާއްސަ ސަލާމުކަމެއް ދޭކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން، ޑިއުޓީއަށްފަހު ސްޓާފް އޭރިއާގައި އުޅޭއިރު ވެސް ގައިޑްލައިންތަކަށް ސަމާލުވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.