ޓިއުބާކިއުލޯސިސް (ޓީބީ) އާއި ލެޕްރަސީ ފަދަ ބަލިތަކުން ދިފާއު ހޯދާދިނުމަށްޓަކައި، ތުއްތު ކުއްޖާ އުފަންވާ ވަގުތުގައި ދޭ ބީސީޖީ ވެކްސިންގެ އިތުރު ޑޯޒްތައް އުފެއްދުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ހާމަކޮށްފިއެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ޕޫނާގައި އިމާރާތް ކުރަމުން ދިޔަ ފެސިލިޓީއެއްގައި ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ކުރިއަށް އޮތް ތަނުގައި ބީސީޖީ ވެކްސިން އުފެއްދުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް، އެ ކުންފުނީގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދަމުން އަންނަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ އިމާރާތެއްގައި އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވީ، އެ ސައިޓްގައި ކުރިއަށް ގެންދިޔަ ވެލްޑު ކުރުމުގެ މަސައްކަތުގެ ސަބަބުން ކަމަށް މަހާރާޝްތުރާ ސްޓޭޓްގެ ސިއްހަތާ ބެހޭ ވަޒީރު، ރާޖޭޝް ޓޯޕީ ވަނީ ވިދާޅުވެފައެވެ.

މި ހާދިސާގައި 5 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އަލިފާން ރޯވީ 4 އަދި 5 ވަނަ ފަންގިފިލާގައެވެ. މި އިމާރާތުގެ 3 ވަނަ ފަންގިފިލާއަކީ ސީރަމްއިން އުފައްދާ ބީސީޖީ ވެކްސިން ހުންނަ ފަންގިފިލާއެވެ. ނަމަވެސް އެ ވެކްސިންތަކަށްވެސް އަލިފާނުގެ އަސަރު ފޯރާފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

ކުރިއަށް އޮތް ތަނުގައި ބީސީޖީ ވެކްސިން އުފެއްދުމަށް ހުރަސްތަކެއް ކުރިމަތި ވާނީ، އިއްޔެގެ އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު މާލީ ގެއްލުންތަކުގެ ސަބަބުން ކަމަށް ސީރަމްގެ އޮފިޝަލުން ވިދާޅުވެފައި ވާ ކަމަށް، އިންޑިއާގެ އޭއެންއައި މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.