ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް ފަށަން ތާވަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އާދީއްތަ ދުވަހުގެ ތާވަލުގައިވާ ގޮތުން އަލީ ވަހީދުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލު ކޮށްފައި ވަނީ އެ ދުވަހުގެ މެންދުރު ފަހު 1:30 ގައެވެ.

އަލީ ވަހީދަށް ވަނީ ހަތް ދައުވާއެއް ކޮށްފައެވެ.

އެއީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާއާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއެވެ.

އޭގެ އިތުރުން ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާއާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖިންސީ ގޯނާ ކުރައްވައިފައިވާ ކަމުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން، އޭނާ މަގާމުން ވަނީ ވަކިކޮށްފައެވެ.‏ އަލީ ވަހީދު މިނިސްޓަރު ކަމުން ވަކިކޮށްފައިވަނީ އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހް އެންގެވި އެންގެވުމަށް އިޖާބަ ދެއްވާފައި ނުވާތީއެވެ.