ކ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ގިލިލަންކަންފުށި ފަޅުގައި އޮންނަ ފިނޮޅެއްގައި ކޯރެއް ކެނޑި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހިންމަފުށި ކައިރީގައި އޮންނަ ވެލިގަނޑެއްގެ މެދުން ކޯރު ކަނޑަމުންދާ މައްސަލައެއް ރޭ 08:40 ހާއިރު ކ. ހިންމަފުށީ ފުލުހަށް ހުށަހަޅާފައި ވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް އެކަން ހުއްޓުވާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އަދި އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އެކަން އަންގާފައި ވާނެ ކަމަށާއި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އީޕީއޭގެ ލަފާގެ މަތިން އަޅާފައި ވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ގިލިލަންކަންފުށި ރިސޯޓުގެ ޖީއެމް ކަމަށް ބުނާ މީހާ، ބައެއް މުވައްޒަފުންނާއެކު ފިނޮޅަށް ގޮސް ހުއްޓާ ރެޑްހޭންޑްކޮށް ހިފާފައި

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، އެކަން ކުރީ ގިލިލަންކަންފުށި ރިސޯޓުގެ މުވައްޒަފުން ތަކެއް ކަމަށާއި، އެމީހުން އެކަން ކުރީ އެ ވެލިގަނޑަށް ބައެއް ރަށްރަށު މީހުން ދަތުރު ގޮސް ހަދާތީ ރިސޯޓަށް ޗުއްޓީ ހޭދަ ކުރަން ދާ ފަތުރުވެރިންނަށް އުނދަގުލާ ކުރިމަތިލާން ޖެހޭ ކަމަށް ބުނެއެވެ.

އެ ފިނޮޅަށް ގެއްލުން ދިނުމުގައި އެ ރިސޯޓުގައި މަސައްކަތް ކުރާ ބައެއް މީހުންނާއި ރިސޯޓުގެ ބައެއް އިސް ފަރާތްތައްވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. އެ ފޮނޮޅުގައި ކޯރު ކަނޑާ ގެއްލުން ދީފައި ވަނީ ފަކީރާ ފަދަ ތަކެތި ބޭނުން ކޮށްގެންނެވެ. އެ ތަން ހަލާކު ކުރަމުންދާ ކަން ހިންމަފުށީގެ ބަޔަކަށް އެނގިގެން ރަށުން ބަޔަކު ގޮސް އެ މަންޒަރުތައް ވީޑިއޯކޮށް ސޯޝަލް މީޑިއާގައިވެސް ވަނީ އާންމު ކޮށްފައެވެ.

ގިލިލަންކަންފުށި ރިސޯޓުގައި މަސައްކަތް ކުރާ ބަޔަކު ފަކީރާ ފަދަ ތަކެތި ހިފައިގެން ފިނޮޅަށް ގެއްލުން ދިނުމަށްފަހު ރިސޯޓަށް ދަނީ / ފޮޓޯ: ސޯޝަލް މީޑިއާ

އެ މައްސަލައާ ގުޅިގެން އީޕީއޭ އަދި ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ވަނީ ލިބޭގޮތް ނުވެފައެވެ.

ފިނޮޅު ފަދަ ތަންތަނަށް އެއްވެސް ބަދަލެއް ގެނެވޭނީ އެކަމާ ގުޅޭ އެންވާރަަމަންޓަލް އެސެސްމަންޓްގެ އިންސްޕްކެޝަންތައް ހަދައި އީޕީއޭއިން އެކަމަށް ހުއްދަ ދިނުމުންނެވެ. އަދި ހުއްދަ ނެތި އެފަދަ ކަމެއް ކޮށްފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ލިބިގެން ވެއެވެ.

މި މައްސަލައާ ގުޅިގެން އީޕީއޭއިން އަޅާ ފިޔަވަޅެއް އަދި ސާފެއް ނުވެއެވެ.