ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން، ވިޔަފާރި އުސޫލުން އެކްސްޕޯޓް ކުރުމުގެ އަމަލީ މަސައްކަތް މިއަދު އިންޑިއާއިން ފަށައިފިއެވެ.
ވިޔަފާރި އުސޫލުން އިންޑިއާއިން މިއަދު ކޮވިޑް ވެކްސިން އެކްސްޕޯޓް ކުރަން ފަށާއިރު، ފުރަތަމަ ޝިޕްމަންޓްތައް ލިބޭނެ ގައުމުތަކަކީ ބްރެޒިލްއާއި މޮރޮކޯ ކަމަށް މައުލޫމާތު ލިބެއެވެ. މިއިން ކޮންމެ ގައުމަކަށް 20 ލައްކަ ޑޯޒްގެ ވެކްސިން، އިންޑިއާއިން އެކްސްޕޯޓް ކުރާނެއެވެ.
މި ގައުމުތަކަށް ވެކްސިން ހިފައިގެން އިންޑިއާއިން ފްލައިޓްތައް އުދުއްސާލުމަށް ޝެޑިއުލްކޮށްފައި ވަނީ މިއަދު ފަތިހު 04:15 އަދި 08:00 އަށެވެ. މި ފްލައިޓްތައް އުދުއްސާލި ކަމުގެ ކަށަވަރު ހަބަރެއް އަދި ނުލިބެއެވެ.
އިންޑިއާއިން ވިޔަފާރި އުސޫލުން ވެކްސިން ފޯރުކޮށްދޭ ބްރެޒިލް އިން ވަނީ، އިންޑިއާގައި އުފައްދާ ކޮވެކްސިންއާއި ކޮވިޝީލްޑަށްވެސް ރުހުން ދީފައެވެ.
އިންޑިއާއިން ވިޔަފާރި އުސޫލުން ކޮވިޑް ވެކްސިން އެކްސްޕޯޓް ކުރުމަށް ހަމަޖެހިފައި ވާ ގައުމުތަކުގެ ތެރޭގައި ދެކުނު އެފްރިކާ، ސައުދީ އަރަބިއްޔާ، ބަންގްލަދޭޝް އަދި މިޔަންމާ ހިމެނެއެވެ. މިޔަންމާއާއި ބަންގްލަދޭޝްއަށް އިންޑިއާއިން ވެކްސިން ހަދިޔާވެސް ކޮށްފައި ވެއެވެ.
ވިޔަފާރި އުސޫލުން އިންޑިއާއިން ކޮވިޑް ވެކްސިން އެކްސްޕޯޓް ކުރަން ފަށާއި މިވަނީ، އެ ގައުމުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ގައުމީ ފެންވަރުގެ ވެކްސިން ކެމްޕޭން ފެށިތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައެވެ. ބުރާސްފަތި ދުވަހުގެ އިރު އޮއްސި 06:00 ޖެހުމާ ހަމައަށް، އިންޑިއާއިން 999065 މީހަކަށް ވެކްސިން ދީފައި ވާކަމަށް ހަބަރު ލިބެއެވެ.