މިއަދު ރާއްޖެއިން 53 މީހުން ޕޮޒިޓިވް ވެ، މި މަހު ޕޮޒިޓިވް ކޭސް ފެނުނު އަދަދު 1000 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 29 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 5 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 17 މީހަކާއި ލައިވް އެބޯޑުން ޕޮޒިޓިވްވި އެކަކު ކަމަށެވެ. މީގެ އިތުރުން ތަރައްގީ ކުރަމުްނދާ ރަށްރަށުން އެއް ކޭސް ފެނިފައިވާ ކަމަށް އެޗްޕީއެއިން ބުނެއެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 14،765 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 44 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،683 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1025 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 74 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު މިއަދު 50 އަށް އަރަފައިވާއިރު މިއަދު ހެނދުނު ނިޔާވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެހެންކަމުން މިހާރު މި ބަލީގައި ނިޔާވެފައި ވަނީ 43 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. ނިޔާވި 50 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

މި މަހުގެ ފުރަތަމަ ހަފްތާގެ ކޮވިޑް ކޭސްތަކުގެ ތަފްސީލަށް ބަލާއިރު ޖެނުއަރީ 1 އިން ޖެނުއަރީ 7 ވަނަ ދުވަހާ ހަމައަށް ވަނީ 231 ޕޮޒިޓިވް ކޭސް ފެނިފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 1 ގައި 47 ކޭސްއެވެ. މީގެ އިތުރުން މި މަހުގެ 8 އިން 14 އަށް ކޮވިޑް ކޭސްތައް އިތުރުވަމުން އައިސްފައިވާ އެ ހަފްތާގައި ޖުމްލަ 337 ޕޮޒިޓިވް ކޭސް ފެނިފައި ވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 12 އަދި 13 ވަނަ ދުވަހު 59 ކޭސްގެ ގޮތުގައެވެ.

މި މަހުގެ 15 އިން 21 އާ ހަމައަށް ބަލާއިރު، މި ހަފްތާގެ ތެރޭގައި ޖުމްލަ 440 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ. އެއާއެކު މުޅި ޖެނުއަރީ ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު މި ވަނީ 1008 އަށް އަރާފައެވެ. އަދި މި މުޅި ޖެނުއަރީ މަހުގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނިފައި ވަނީ އިއްޔެ އާއި މި މަހުގެ 16 ވަނަ ދުވަހުއެވެ. އިއްޔެ ޕޮޒިޓިވް ވެފައި ވަނީ 79 މީހުންނެވ. އަދި މި މަހުގެ 16 ވަނަ ދުވަހު ޕޒޮޓީވް ވެފައި ވަނީ 87 މީހުންނެވެ.