ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމަށް އަދި ނައިބު ރައީސްކަމުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެ ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ ރައީސްކަމުގެ މަގާމަށް އައްޔަން ކުރެއްވީ ގދ. ތިނަދޫ، ގެލަ، އާމިނަތު އަބްދުﷲ ޒުހައިރުއެވެ. އަދި ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވީ މ. ހާދޫ، ހަސަން އިބްރާހީމެވެ. މި ދެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވާފައި ވަނީ ވަޒީފާއާބެހޭ ގާނޫނުގެ 88 ވަނަ މާއްދާގެ (ބ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ. މި ދެބޭފުޅުން މަގާމަށް އައްޔަން ކުރައްވާފައި ވަނީ އިއްޔެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް އައްޔަން ކުރެއްވި އާމިނަތު އަބްދުﷲ ޒުހައިރަކީ މާޗު 25، 2019 އިން ފެށިގެން އެ ޓްރައިބިއުނަލްގެ މެންބަރެކެވެ. އޭނާ ވަނީ އިނގިރޭސި ވިލާތުގެ ކިންސްޓަން ޔުނިވާސިޓީން އެމްޕްލޯއިމަންޓް ލޯގެ ދާއިރާއިން މާސްޓާސް އޮފް ލޯސް ހާސިލު ކުރައްވާފައެވެ. އަދި މީގެ ކުރިން ސިވިލް ސަވިސް ކޮމިޝަނުގެ ލީގަލް އޮފިސަރުގެ މަގާމާއި، ނެޝަނަލް ޕޭ ކޮމިޝަނުގެ ލީގަލް ކޮންސަލްޓަންޓްގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަން ކުރެއްވި ހަސަން އިބްރާހީމަކީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މާޗު 16، 2020 އިން ފެށިގެން އެ ޓްރައިބިއުނަލްގެ މެންބަރުކަން ކުރައްވަމުން ގެންދަވާއިރު، އޭނާ ވަނީ މީގެ ކުރިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، ސިވިލް ސާވިސް ކޮމިޝަނުގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމު ހުސްވީ، މީގެ ހަ މަސް ކުރިން އެ މަގާމުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ޖުލައި މަސް ތެރޭގައެވެ.