ޕެރިސް ޕީސް އެއްބަސްވުމުގައި އެމެރިކާއިން އަލުން ބައިވެރިވުމަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް ސަރުކާރުތަކުގެ ފެންވަރުގައި ކުރާ މަސައްކަތަށް، މުޅި ދުނިޔޭގެ ނިސްބަތުންވެސް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ޖޯ ބައިޑަން މަގާމުގެ ހުވާ ކުރައްވާ، ޕެރިސް ކްލައިމެޓް އެކޯޑްގައި ސޮއި ކުރުމަށް ބާރުދޭ ގަރާރުގައި ސޮއި ކުރެއްވުމުން، އެކަމާ އިންތިހާއަށް އުފާ ކުރައްވާ ކަން ބަޔާން ކުރައްވާ، ކުރެއްވި ޓްވީޓެއްގައެވެ.
ޖޯ ބައިޑަންގެ ޓީމުން ހަބަރު ދޭ ގޮތުގައި، ޕެރިން އެގްރީމަންޓްގައި ބައިވެރިވުމަށް އެދި އެމެރިކާއިން އދއަށް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި އެކަން ތަންފީޒު ވެގެން ދާނެ ކަމަށެވެ.
އެމެރިކާއިން މި އެއްބަސްވުން ދޫކޮށްލީ، ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެމެރިކާއަކީ މި އެއްބަސްވުމުން ސޮއި އަނބުރާ ގެންދިޔަ ފުރަތަމަ ގައުމެވެ.
މޫސުމީ ނޭދެވޭ ބަދަލުތަކަކީ މުޅި ބައިނަލްއަގުވާމީ މުޖުތަމައު އެކަތިގަނޑެއްގެ ގޮތުގައި، އެކަމަކާ ދެކޮޅަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ސޯލިހު މީގެ ކުރިންވެސް ވަނީ، އެމެރިކާއާއި ރާއްޖޭގެ މަސްލަހަތު އެކުލެވޭ ނޭދެވޭ ބަދަލުތަކާ ގުޅުން ހުރި ކަންކަމުގައިވެސް ބައިޑަންގެ ސަރުކާރާއެކު މަސައްކަތް ކުރުމަށް ދިވެހިރާއްޖެ ތައްޔާރަށް އޮތް ކަން ހާމަ ކުރައްވާފައެވެ.
ބައިޑަންގެ ސަރުކާރުން ޕެރިސް އެގްރީމަންޓާ އަލުން ގުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް، ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ގާނޫނު ހަދާ މަޖިލީހުގެ މިހާރުގެ ރައީސް، މުޙައްމަދު ނަޝީދުވެސް މިދިޔަ އަހަރު ވިދާޅުވެފައެވެ.
ޕެރިސް އެގްރީމަންޓްގައި ބަޔާންކޮށްފައިވާ ފަދައިން ދުނިޔޭގެ ފިނިހޫނުމިނުން 1.5 ޑިގްރީ ސެލްސިއަސް ދަށްކުރުމަށް ހިފާފައިވާ އަމާޒަށް ގާތަށްވެސް މަސައްކަތް ކުރެވިފައި ނުވާކަން، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ އިންޒާރު ކުރައްވާފައެވެ.